ރިސޯޓުތަކާއި ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ކުލި އެއް އަހަރު ދުވަހަށް ފަސްކޮށްދީފި އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއި ކުރައްވާ ނެރުއްވާފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ވިޔަފާރިތަކުގެ ހިންގުމަށް ދަތިވެ، ރައްޔިތުންނަށް މާލީ ހީނަރުކަމާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެކަމާއި ގުޅިގެން ސަރުކާރުން ދަނީ އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައި ދިނުމަށް މަސައްކަތް ކުރަމުން ކަމަށެވެ.
މި މަސައްކަތުގެ ދަށުން ރިސޯޓުތަކާއި ސަރުކާރުން ކުއްޔަށް ދީފައިވާ ތަންތަނާއޮޮ ރަށްތަކުގެ ކުލި ފަސްކޮށްދޭން ނިންމީ ކަމަށް ބުނެފައިވެ އެވެ.
ކުލި ފަސްކޮށްދިނުމުން އަނބުރާ ދައްކަން އެއް އަހަރު ދުވަސް ލިބިގެންދެ އެވެ. މިގޮތުން ކުލި ދައްކަނީ ތިން މަހުން އެއްމަހު ކަމަށްވާ ނަމަ، ފަސް ކޮށްދީފައިވާ މުއްދަތުގެ ކުލި ދައްކާނީ އަންނަ އަހަރު ޖޫން އިން ފެށިގެން ހަތަރު ކުއާޓަރަށް ބަހާލައިގެނެވެ. އެއީ އަންނަ އަހަރުގެ ޖޫން މަހާއި ސެޕްޓެމްބަރު މަހު އަދި އަންނަ އަހަރުގެ ޑިސެންބަރު މަހާއި 2022 ވަނަ އަހަރުގެ މާޗް ގައި ފައިސާ ދައްކާ ގޮތަށެވެ.
މަހުން މަހަށް ކުލި ދައްކާނަމަ ފަސްކޮށްދީފައިވާ މުއްދަތުގެ ކުލި ދައްކާނީ އަންނަ އަހަރުގެ ޖޫން އިން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކޮންމެ މަހަކު ދައްކަން ޖެހޭ މިންވަރަށެވެ. ކުލި ދެއްކުން ފަސްކޮށްދިން މުއްދަތުގެ ތެރޭގައި ޖޫރިމަނާއެއް ނުހިނގާނެ އެވެ.
އެކަމަކު އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން އެ ފައިސާ ދައްކަމުން ނުދާ ނަމަ، ޖޫރިމަނާ އާއި އިންޓަރެސްޓް އަރާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
މިތަންތަނުގެ ކުލި ފަސްކޮށްދޭން ނިންމާފައިވާކަން އިއުލާނު ކުރެއްވީ މިމަހު ކުރީކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް