އައްޑޫ ސިޓީގައި އިއްޔެ ބޭއްވުނު އުރީދޫ ކަލަރ ރަން ގައި 2000 މީހުން ބައިވެރިވެފައިވާކަމަށް އުރީދޫ އިން ބުނެފިއެވެ.
އެކި އުމުރުފުރާތަކުން ބައިވެރިވި ކަލަރ ރަން، އައްޑޫ ސިޓީ ހިތަދޫ ސްޓޭޖް ސަރަހައްދުން 3:30 އިން ފެށިގެން އިރުއޮއްސި 6 ޖަހަންދެން ކުރިއަށް ގެންދިޔައެވެ.
އުރީދޫ ކަލަރ ރަންގެ ކުރިން، ހެނދުނު ވަނީ ގުޑި މަހާސަމާގައި މަޑި އެރުވުން، މަޑި ހެދުމުގެ ވަރކްޝޮޕްތަކުގެ އިތުރުން، ކުޑަކުދިންނަށް ޚާއްސަ ކުޅިވަރުތައް ބާއްވާފައެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހާއްސަ ސްޓޯލެއްވެސް ވަނީ ބަހައްޓާފައެވެ.
އުރީދޫ ކަލަރ ރަން އައްޑޫގައި ކޮންމެ ކިލޯމީޓަރއެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި ބައިވެރިން ވަނީ އެކަން ފާހަގަ ކޮށްފައެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެކަމަށް އުރީދޫ އިން ވަނީ ކުރިން ބުނެފައެވެ.
އެންމެ ޓްވީޓަކުން ފެށި، އާންމުންގެ މަޤްބޫލުކަން ހޯދާފައިވާ މި ޕްރޮގްރާމު ރާވާ ހިންގާފައި ވަނީ ޓްވިޓްސާފުގެ ވޮލަންޓިއަރުންގެ އެހީގައި ކަމަށް އުރީދޫއިން ވަނީ ފާހަގަކޮށްފައެވެ.
މިއީ މާލެ ސަރަހައްދު ފިޔަވައި ރާއްޖެތެރޭގެ ރަށެއްގައި އުރީދޫއިން ކަލަރ ރަން ބޭއްވި ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް