މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން "ހޭވައްލާ-ސާފުކުރަމާ" ގެ ނަމުގައި ކުރިއަށް ގެންދިޔަ ހާއްސަ ޕްރޮގްރާމުގެ ތެރެއިން ވިލިމާލެ އަތިރިމަތި ސާފުކޮށްފިއެވެ.
މިއަދު ހެނދުނު 7:00 ގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، މީރާގެ 175 މުވައްޒަފުންގެ މަސައްކަތުން ވިލިމާލެ އަތިރިމަތިން 200 ކޮތަޅާއި ގާތްކުރާ އަދަދަކަށް ކުނި ވަނީ އުކާލެވިފައި ކަމަށް މީރާ އިން ބުންޏެވެ.
މި ޕްރޮގްރާމް ފަށްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން، ޔަޒީދު މުހައްމަދު ވިދާޅުވީ، މި ހަރަކާތަކީ މީރާގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ނުވަތަ އިޖުތިމާއީ ޒިންމާ އަދާކުރުމުގެ ޕްރޮގްރާމްގެ ދަށުން ހިންގާ ހަރަކާތެއް ކަމަށާއި، މީރާގެ މުވައްޒަފުންނަކީ އަބަދުވެސް އިސްނަގައިގެން އިޖްތިމާއީ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވުމަށް ޝައުގުވެރިކަން ހުންނަ މުވައްޒަފުންތަކެއް ކަމަށެވެ. އަދި މީރާގެ މުވައްޒަފުންގެ ކްލަބް، 'މީރާ ކްލަބް' މެދުވެރިކޮށް މީރާގެ މުވައްޒަފުން އަމިއްލައަށް ޚަރަދުކޮށްގެން މި ފަދަ އެތައް ހަރަކާތެއް ހިންގައިފައިވާ ކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް މި ފަދަ އިތުރު ހަރަކާތްތައް ކުރިއަށް ގެންދާނެކަށް ކޮމިޝަނަރ ވިދާޅުވެފައިވެއެވެ. މި ހަރަކާތް ރާވައި ހިންގުމުގައި މާލޭ ސިޓީ ކައުންސިލް، ވެމްކޯ އަދި ވިލިމާލެ ޕޮލިސް ސްޓޭޝަން އިން މީރާއަށް ދެއްވާފައިވާ އެހީތެރިކަން ފާހަގަކޮށް އެ ފަރާތްތަކަށް ކޮމިޝަނަރ ޝުކުރު އަދާކުރައްވާފައިވެއެވެ.
މީގެ ކުރީގެ އަހަރުތަކުގައިވެސް މީރާގެ އިސްނެގުމުގެ މަތިން، އެ އޮތޯރިޓީގެ "ހޭވައްލާ-ސާފުކުރަމާ" ޕްރޮގްރާމުގެ ދަށުން، މާލެ އަދި ހުޅުމާލެ ސާފުކުރުމުގެ ހަރަކާތްތަކެއް ވަނީ ހިންގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް