އެމްޑީޕީ ކޮންގްރެސްއަށް ދާން މާލެއިން ފުރުމަށް ހުރަސްތަކެއް!

މާދަމާ އއ. އުކުޅަހުގައި ފެށުމަށް ހަމަޖެހިފައިވާ އިދިކޮޅު އެމްޑީޕީގެ ކޮންގްރެސްއަށް މާލެއިން އެ ރަށަށް ދާ މީހުން ފުރުމަށް ގްރީން ޒޯންގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދު ބޭނުން ކުރުމުގައި ހުރަސްތަކެއ...

29 Jun 2018 | 18:36

މާދަމާ އއ. އުކުޅަހުގައި ފެށުމަށް ހަމަޖެހިފައިވާ އިދިކޮޅު އެމްޑީޕީގެ ކޮންގްރެސްއަށް މާލެއިން އެ ރަށަށް ދާ މީހުން ފުރުމަށް ގްރީން ޒޯންގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދު ބޭނުން ކުރުމުގައި ހުރަސްތަކެއް ކުރިމަތިވެއްޖެ އެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ގްރީން ޒޯންގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދަށް މީހުން އެއްކޮށް، ސިޔާސީ ޕާޓީއެއްގެ ކޮންގްރެސްއަށް ފުރުމުގެ ނަމުގައި ގާނޫނާއި ހިލާފު އަމަލުތަކެއް އެ ސަރަހައްދުގައި ހިންގުމަށް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ޝިފާން ވިދާޅުވީ އެ ސަރަހައްދުގައި ގާނޫނާއި ހިލާފު އެއްވެސް އަމަލެއް ހިންގަން ފުރުސަތު ނުދޭނެ ކަމަށާއި އެފަދަ އަމަލެއް ހިންގަން އުޅެފި ނަމަ ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ގްރީން ޒޯންގައި ސިޔާސީ އެއްވެސް ހަރަކާތެއް ހިންގުމަކީ މަނާކަމެއް ކަމަށެވެ. ފުލުހުން މިހެން ބުނި އިރު ގްރީން ޒޯންގެ ގޮތުގައި ކަނޑައަޅާފައިވާ އިއްދުއްފީން ފާލަން ސަރަހައްދުން ފުރުން ފިޔަވާ އިތުރު ސިޔާސީ ހަރަކާތެއް އެ ސަރަހައްދުގައި ހިންގަން އުޅޭ ކަމަކަށް އެމްޑީޕީން ހާމަކޮށްފައެއް ނުވެ އެވެ.

އެމްޑިޕީގެ މެންބަރުން ކޮންގްރެސްއަށް ފުރުން ފުލުހުން ގާނޫނާއި ހިލާފު ކަމެއްގެ ގޮތުގައި ސިފަ ކުރި އިރު މިމަހު ޕެރެޑައިސް އައިލެންޑު ރިސޯޓުގައި ޖުމްހޫރީ ޕާޓީން ބޭއްވި ކޮންގްރެސްގައި ބައިވެރިވުމަށް މީހުން ފުރުމުގެ އިންތިޒާމް ހަމަޖައްސާފައި އޮތީ އެ ސަރަހައްދުންނެވެ. އަދި ޕީޕީއެމްއިން އަތޮޅު ތެރެއަށް ކުރަމުންދާ ދަތުރުތަކުގައި ބައިވެރިވާ ވަފުދުތައްވެސް ފުރަމުން ދަނީ ހަމަ އެ ސަރަހައްދުންނެވެ.

އެމްޑީޕީ ކޮންގްރެސްއަށް ފުރުމަށް އެ ސަރަހައްދަށް މީހުން އެއްވުމަކީ ގާނޫނާ ހިލާފު ކަމެއްގެ ގޮތުގައި ފުލުހުން ސިފަކޮށްފައިވާއިރު މިހާތަނަށް އެ ކޮންގްރެސް އަކީ ގާނޫނާ ހިލާފު ކޮންގްރެސްއެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް