ރިޔާސީ ޓިކެޓު ދޫކޮށްލެއްވުމުން ނަޝީދަށް ތައުރީފާއި މަލާމާތް!

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައި އެކަން ހާމަ ކުރެއްވުމާއި ގުޅިގެން އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ތައުރީފު ކުރަމުންދާއިރު ސަރުކާރަ...

29 Jun 2018 | 11:36

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައި އެކަން ހާމަ ކުރެއްވުމާއި ގުޅިގެން އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ތައުރީފު ކުރަމުންދާއިރު ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ދަނީ މަލާމާތުގެ ބަސްތައް ރައްދު ކުރަމުންނެވެ.

ނަޝީދު މިއަދު އިދިކޮޅު ފަރާތްތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕްގެ ވަޓްސްއެޕް ގްރޫޕަށް ކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ އެމަނިކުފާނު ރިޔާސީ އިންތިހާބަށް ވާދަ ކުރައްވަން މަސައްކަތް ކުރައްވައިފި ނަމަ ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ގަބޫލު ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓެއް ނެތި، އެކަމުގެ ސަބަބުން ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެމްޑީޕީއަށް ގެއްލިދާނެތީ އެކަމަށް ފުރުސަތު ދެއްވަން ބޭނުންފުޅު ނުވާ ކަމަށެވެ.

މި ނިންމެވުމަށް މަލާމާތް ކުރައްވާ ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ނަޝީދުގެ ނަން ވޯޓު ކަރުދާހުގައި ނޯންނާނެ ވާހަކަ ތަކުރާރުކޮށް ވިދާޅުވެފައި ވާނެ ކަމަށެވެ. އަދި ނިހާނު ވަނީ އެމްޑިޕީން މިދިޔަ އިންތިހާބުގައި ބޭނުން ކުރި އެއްބުރުން ސްލޯގަން ބޭނުން ކުރައްވާ ރައީސް އަބްދުﷲ ޔާމީން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވެފައި އެވެ.

https://twitter.com/ahmed_nihan/status/1012619770020093952

ސްރީލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުގެ އިސް މަގާމެއްގައި ހުންނެވި ކުރީގެ މަޖިލީސް މެންބަރު ޝިފާގު މުފީދު ވިދާޅުވީ ރައިސް ނަޝިދަށް އިންތިހާބުގައި ވާދަ ކުރެވޭތީ އެމްޑީޕީ އާއި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީއެއްގެ ލީޑަރުން މަސައްކަތް ކުރެއްވި ކަމަށެވެ. އަދި އެކަން ކާމިޔާބު ނުވުމުން އެމަނިކުފާނު ވާދަ ނުކުރަން ނިންމެވުމުން އެކަމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން މަރުހަބާ ކިޔަނީ އޭގެން ހަމަ އެއްވެސް ޕާޓީއަކުން އަދި ލީޑަރަކުވެސް ނަޝީދު އިންތިހާބުގައި ވާދަ ކުރަން ބޭނުން ނުވާތީ ކަމަށް ވެދާނެ ކަމަށެވެ.

https://twitter.com/ShifaqMufyd/status/1012644853417562114

ސަރުކާރަށް ނިސްބަތްވާ ބޭފުޅުންގެ ބަސްމަގު މިހެން ހުރި ނަމަވެސް އަބަދުވެސް ރައީސް ނަޝީދަށް ފާޑުވިދާޅުވަމުން ގެންދަވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ރައީސް ނަޝީދު އިންތިހާބަށް ކުރިމަތި ނުލައްވަން ނިންމައި އެގޮތަށް އަމަލު ކުރައްވައިފިނަމަ އެކަން ވެގެން ދާނީ ގައުމަށް ލިބޭނެ ހަމަޖެހުމަކަށް ކަމަށެވެ.

"އަޅުގަނޑު ވެސް އެންމެ އިސްކަން ދޭނީ ޖަލުގަ ހައްޔަރު ކުރެވިފައިވާ އަޅުގަނޑުމެންގެ އަހުން އަވަހަށް މިނިވަން ވާނެ ގޮތެއް ހޯދުމަށް،" ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައިވާ އުމަރު ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕާޓީތަކާއި ލީދަރުން ގެންދަވަނީ ނަޝީދުގެ ނިންމެވުމަށް ތައުރީފު ކުރައްވަމުންނެވެ.

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ، ނަޝީދުގެ އެ ނިންމެވުމަކީ ދިވެހި ރައްޔިތުންނަށް ކުރެއްވި ސޮދަގާތެއް ކަމަށެވެ. އަދި ކުރެވޭ ފޮނި އުއްމީދަކީ ޕާޓީތައް ގުޅިގެން ކެންޑިޑޭޓަކާއި ރަނިންމޭޓާއެކު ނެރެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމެވެ.

https://twitter.com/DrHussainHassan/status/1012589128012054528

ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވެސް ވަނީ ނަޝީދުގެ ނިންމެވުމަށް ހިތްވަރުދެއްވައިފަ އެވެ. އަދި އެމްޑީޕީގެ އާ ލީޑާޝިޕަށް ދެއްވި ފުރުސަތެއް ކަމަށް ވިދާޅުވެފައިވެ އެވެ.

https://twitter.com/dunyamaumoon/status/1012631203042582528

ކެނދިކުޅުދޫ  ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސާ ވިދާޅުވީ ރައިސް ނަޝީދުގެ ނިންމެވުމަށް ފަހުރުވެރިވާ ކަމަށެވެ. އަދި އަނިޔާވެރިކަމުން ރައްޔިތުން ސަލާމަތް ކުރުން ރިޔާސީ ޓިކެޓަށް ވުރެ މުހިންމު ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށެވެ

https://twitter.com/MPahmedeasa/status/1012591855492452352

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް