މިއަހަރުގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަ ނުކުރަން ނިންމެވުމާއި ގުޅިގެން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަދި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ތާއިދު އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހަށް ދޭން ނިންމައިފި އެވެ.
ނަޝީދު މިއަދު އިދިކޮޅު ފަރާތްތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕްގެ ވަޓްސްއެޕް ގްރޫޕަށް ކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ އެމަނިކުފާނު ރިޔާސީ އިންތިހާބަށް ވާދަ ކުރައްވަން މަސައްކަތް ކުރައްވައިފި ނަމަ ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ގަބޫލު ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓެއް ނެތި، އެކަމުގެ ސަބަބުން ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެމްޑީޕީއަށް ގެއްލިދާނެތީ އެކަމަށް ފުރުސަތު ނުދެއްވުމަށެވެ.
އެކަން އިއުލާނު ކުރެއްވިތާ ކުޑަ އިރުކޮޅެއް ފަހުން ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނަޝީދަށް ލިބިވަޑައިގެންފައިވާ އެމްޑީޕީ ރިޔާސީ ޓިކެޓު ދޫކޮށްލައްވަން ނިންމަވާފައިވާތީ ޕާޓީގެ އެއްބައިވަންތަކަން ހިފެހެއްޓުމުގެ މަގުސަދުގައި އެމްޑިޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން ނިންމައިފި ކަމަށެވެ. ޝާހިދު މީގެ ކުރިން ވިދާޅުވެފައިވަނީ ނަޝީދު އިންތިހާބުގައި ވާދަ ނުކުރައްވާނަމަ އޭނާ އެމްޑީޕީގެ ޓިކެޓު ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
https://twitter.com/abdulla_shahid/status/1012573768214986758
އެމްޑީޕީގެ ރިޔާސީ ޓިކެޓު ނަޝީދު ދޫކޮށްލެއްވިކަން ރަސްމީކޮށް އިއުލާނު ކުރައްވާނީ މާދަމާ އއ. އުކުޅަހުގައި ފެށޭ އެ ޕާޓީގެ ކޮންގްރެސްގައި އެވެ.
ޝާހިދުގެ ޓްވީތުގެ އިތުރުން ބެލެވޭ ގޮތުގައި ނަޝީދުގެ ބަދަލުގައި ދެން އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކަށް ވާދަކުރައްވާނީ އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެވެ.
ޝާހިދުގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު މީގެ ކުރިން ވިދާޅުވެފައިވަނީ ނަޝީދަށް ކުރިމަތި ނުލެވޭ ހާލަތެއްގައި އޭނާ ތާއީދު ކުރައްވަނީ އެމްޑީޕީގެ ޓިކެޓު އިބޫއަށް ދިނުމަށް ކަމަށެވެ. އަދި ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ މަޖިލީސް މެންބަރުންވެސް މީގެ ކުރިން ވިދާޅުވެފައިވަނީ އެމްޑިޕީގެ ޓިކެޓު ދިނުން އެންމެ ހައްގީ އިބޫއަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް