2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަނުކުރައްވަން ނިންމަވައިފިއެވެ. އެމަނިކުރާނު އެކަން އިޢުލާން ކުރެއްވީ ޖޮއިންޓް ޖޭޕީ ގްރޫޕަށް މިއަދު ފޮނުވި މެސެޖެއްގައެވެ.
ޓެރަރިޒަމްގެ ކުށް ސާބިތުވެ، 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ނަޝީދުގެ މެސެޖުގައި ވިދާޅުވެފައި ވަނީ، އެ މަނިކުފާނު އެގޮތަށް ނިންމެވީ އެމަނިކުފާނު ރިޔާސީ އިންތިހާބަށް ވާދަ ކުރައްވަން މަސައްކަތް ކުރައްވައިފި ނަމަ ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ގަބޫލު ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓެއް ނެތި، އެކަމުގެ ސަބަބުން ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެމްޑީޕީއަށް ގެއްލިދާނެތީ އެކަމަށް ފުރުސަތު ނުދެއްވުމަށެވެ.
އެކަން އެމްޑީޕީގެ މެންބަރުންނާ ރަސްމީކޮށް ހިއްސާ ކުރައްވާނީ މާދަމާ އއ.އުކުޅަހުގައި ބާއްވާ އެ ޕާޓީގެ ކޮންގްރެސްގައި ކަމަށްވެސް ނަޝީދު ވިދާޅުވެފައިވެއެވެ.
ބެލެވޭ ގޮތުގައި ނަޝީދުގެ ބަދަލުގައި ދެން އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކަށް ވާދަކުރައްވާނީ އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެވެ.
ނަޝީދުގެ ނިންމެވުމާ ގުޅިގެން، އިދިކޮޅު ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕްގައި އެމަނިކުފާނަށް އަންނަނީ ތައުރީފު ކުރަމުންނެވެ. އެގޮތުން އެމަނިކުފާނުގެ ނިންމެވުމަކީ ވަރަށް ހިތްވަރުގަދަ ނިންމެވުމެއް ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް