އިޒްރޭލު ސިފައިން އިއްޔެ ދިން ބަޑިގެ ހަމަލާއެއްގައި ފަލަސްތީނު ރައްޔިތަކު މަރުވެއްޖެ އެވެ.
މިކަމާއި ބެހޭގޮތުން އިޒްރޭލުން ބުނެފައިވަނީ އިޒްރޭލު ފައުޖެއް އިއްޔެގެ ވަގުތެއްގައި ވެސްޓް ބޭންކް ސަރަހައްދުގެ ހެބްރޯން ޓައުނަށް ދިޔައީ ތަނެއް ބަލައި ފާސް ކުރުމަށް ކަމަށާއި ފަލަސްތީނުގެ ރައްޔިތަކު އިސްވެ އިޒްރޭލު ސިފައިންނަށް ބަޑީގެ ހަމަލާ ދިނުމުން، ރައްދު ހަމަލާދީ އެމީހާ މަރާލާފައިވާނެ ކަމަށެވެ.
އިއްޔެގެ އެ ހަމަލާގައި ފަލަސްތީނުގެ ރައްޔިތަކު މަރުވެފައިވާކަން ފަލަސްތީނުގެ ސިއްހަތާއިބެހޭ ވުޒާރާއިންވެސް ވަނީ ހާމަ ކޮށްފަ އެވެ. ނަމަވެސް އިތުރު ތަފްސީލު ހާމަކޮށްފައެއް ނުވެ އެވެ.
އިޒްރޭލުން ވަނީ ފަލަސްތީނުގެ އެމީހާ އިޒްރޭލު ސިފައިންނަށް ހަމަލާދޭން އުޅުނު ކަމަށް ބުނާ ބަޑީގެ ފޮޓޯއެއް އާންމުކޮށްފަ އެވެ.
އިޒްރޭލު ސިފައިންގެ ހަމަލާއެއްގައި ފަލަސްތީނުގެ ރައްޔިތަކު އިއްޔެ މަރާލާފައިވާއިރު މި ފަހަކަށް އައިސް ފަލަސްތީނުގެ ބިންތައް އިޒްރޭލުން ބަލާ ފާސްކުރެ އެވެ. ބަލާ ފާސްކުރަނީ އެކި ކަހަލަ ތުހުމަތުތައް ކުރުމަށްފަހުގަ އެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު އޮކްޓޯބަރު 2015 އިން ފެށިގެން މިހާތަނަށް އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 250އަށްވުރެ ގިނަ އާއްމު ރައްޔިތުން މަރުވެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް