ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ކުއްލި ނުރައްކަލުގެ ހާލަތު އޮޅުވާލި! ސުޕްރީމް ކޯޓުގެ ލަފަޔާއެކު ދެން ހަދާނީ ކިހިނެއް !؟

އަންނަ އަންގާރަ ދުވަހުގެ ރޭ ދަންވަރު 12:00 ގައި، މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވާނެއެވެ. ކޯވިޑް-19ގެ ހާލަތު ދިމާވެ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވިފައިނުވާއިރު އެ ވަގުތާއި ހަމައަށް، ކައުނ...

29 May 2020 | 15:15

އަންނަ އަންގާރަ ދުވަހުގެ ރޭ ދަންވަރު 12:00 ގައި، މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވާނެއެވެ. ކޯވިޑް-19ގެ ހާލަތު ދިމާވެ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވިފައިނުވާއިރު އެ ވަގުތާއި ހަމައަށް، ކައުންސިލަރުންގެ ދައުރާއިމެދު މަޖިލީހުން ގޮތެއް ނުނިންމިއްޖެނަމަ ގާނޫނީ ހުސްކަމަކަށް ދާނެއެވެ.

ކަމުގެ ހައްލެއްގެ ގޮތުގައި މާރިޗް 31ގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ފޮނުވާފައިވެއެވެ. އެހެން ނަމަވެސް ފާއިތުވި ދެމަހެއްހާ ދުވަހު މަޖިލީހުގައި މި އިސްލާހުގެ ވާހަކައަށްވުރެ ގަދައަށް ދެއްކީ އަދި ގަދައަށް ހިންގީވެސް މި އިސްލާހު އޮއްވައި، ހެންވޭރު ހުޅަނގުދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެއްޅުއްވި އިސްލާހެކެވެ.

ސަރުކާރުގެ އިސްލާހު 31 މާރިޗްގައި ހުށަހެޅިއިރު މި ބިލު އެޖެންޑާ ކުރީވެސް މި މަހުގެ 18 ވަނަ ދުވަހަށެވެ. ހުށަހެޅިތާ ދެ މަސްވާން ގާތްވެފައިވަނިކޮށެވެ. އަދި ބަލައިގަންނަން ފާސްކުރީ އެންމެ ފަހުން 27 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައެވެ.

ނަމަވެސް މެމްބަރު ހަސަން ލަތީފު ހުށަހެޅުއްވި ބިލު ހަތަރެއް މެއި ގައި ބަލައިގަތެވެ. ސަރުކާރުން ހުށަހެޅި ބިލު އެޖެންޑާ ނުކޮށް ބަލައިނުގަނެވެސް އެތައް ދުވަހަކު ބޭއްވީ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ހިތްޕުޅާ ނުވާތީކަމަށް ދޭހަވާފަދަ ވާހަކަތަކެއް ދައްކަވަމުން ގެންދެވިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތާ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޮޅުވާލި:

އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ބޭއްވި ޖަލްސާގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނު އަސާސީ އިސްލާހުކޮށްގެން ނުވާނެ ކަމަށް ގާނޫނު އަސާސީގައި ބުނާކަމަށެވެ.

ނަމަވެސް ހަމަ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުންވެސް އެ ދުވަހުވެސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ މިއީ ގާނޫނު އަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތު ނޫން ކަމަށާއި މިހާރު މިއޮތީ ހާއްސަ ހާލަތެއް ކަމުގައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ކަމަށެވެ. ނަމަވެސް އެ ވާހަކައަކީ ރައީސް ނަޝީދަށް އަޑުއިވޭ ވާހަކަތަކަށް ނުވެއެވެ. ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރުން ރަނގަޅު ނޫން ކަމަށެވެ.

ސަރުކާރުން ހުށަހެޅި ގޮތަށް ބިލު ބަލައިގަނެ ފާސްކުރަން ޕީޖީ ގްރޫޕުގެ ބޮޑު އަގުލަބިއްޔަތަކުން ނިންމި:

ދައުރާމެދު ގޮތެއް ނުނިންމި، ކައުންސިލަރުންގެ ދައުރު ނިމެން މަދު ދުވަސްކޮޅަކަށްވެފައިވަނިކޮށް، ކުރިން ވަގުތު އޮއްވައި މިކަމާ ނޫޅެ މިހާރު އަވަސް އަރުވާލައިގެން ގޮތެއް ނިންމަން އުޅޭތީ އެންމެ ފަހުން ބޭއްވި ޖަލްސާގައިވެސް ބައެއް މެމްބަރުން ފާޑުވިދާޅުވިއެވެ. އޭރު އޮތީ، ސަރުކާރުން ހުށަހެޅި ގޮތަށް ބިލު ބަލައިގަނެ ފާސްކުރުމަށް 26 ވަނަ ދުވަހުގެ ރޭ އެމްޑީޕީ ޕީޖީ ގްރޫޕްގެ ބޮޑު އަގުލަބިއްޔަކުން ފާސްކޮށް އެކަމަށް ތްރީލައިން ވިޕެއްވެސް ނެރެފައެވެ. އެގޮތަށް ނިންމާފައިވަނީ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ ތެރެއިން 42 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

ނަމަވެސް 27ވަނަ ދުވަހު ދުވާލު ބޭއްވި ޖަލްސާގައި ރައީސް ނަޝިދު ވިދާޅުވީ މަޖިލީހުގެ މެންބަރުން ފާސްކުރައްވައިފި ނަމަ ގާނޫނީ ލަފައެއް ހޯދިދާނެ ކަމަށެވެ. އަދި ކައުންސިލަރުންގެ ދައުރު ދަންމަން ގާނޫނުއަސާސީ އަށް ސަރުކާރުން އިސްލާހު ހުށަހެޅި ގޮތަށް ފާސްކޮށްފި ނަމަ ގާނޫނުއަސާސީގައި ކައުންސިލަރުންގެ ދައުރު ބަޔާންކުރާ އެހެން މާއްދާއަކާ ފުށުއަރާ ކަމަށް ވިދާޅުވިއެވެ. އެހެންވެ މިހާރު އޮތް އިސްލާހުން ދައުރު ދިގު ދެންމޭނެކަމާ މެދު ސުވާލު އުފެދޭ ކަމަށް ވިދާޅުވި އެވެ.

އެރޭގެ ޖަލްސާ ނިމިގެން ދިޔައީ ސްޕްރީމް ކޯޓުގެ އިސްތިސާރީ ލަފައަކަށް އެދެން ފާސްވެގެންނެވެ. އަދި ސަރުކާރުން ހުށަހެޅި އިސްލާހު ބަލައިގަތުމަށްވެސް ފާސްކުރިއެވެ.

ސުޕްރީމް ކޯޓުގެ ލަފާ ލިބިއްޖެ، ދެން ވާނީ ކިހިނެއް !

ސުޕްރީމް ކޯޓުގެ ލަފާ މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ދީފައެވެ. އެ ލަފާގައި ބުނެފައިވަނީ އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް އޮތް ކަމަށް މިނިސްޓަރު އޮފް ހެލްތް އިއުލާން ކުރައްވާފައި އޮތްއޮތުމަކީ ގާނޫނުއަސާސީގެ 267 ވަނަ މާއްދާއިން ގާނޫނު އަސާސީއަށް ބަދަލެއް ގެނައުން މަނާ ކޮށްފައިވާ ހާލަތެއް ކަމަށް ބެލެވޭނެ އެއްވެސް ހަމައެއް އޮތް ކަމަކަށް ނުފެންނަ ކަމަށާއި އާ ކައުންސިލްތަކަށް މެމްބަރުން އިންތިޚާބު ކުރެވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރުގެ ދެމިގެންދާ ގޮތަށް ހަމަޖެއްސޭނީ ގާނޫނުއަސާސީއަށް ބަދަލު ގެނެސްގެން ކަމަށެވެ.

މި ލަފާ މަޖިލީހަށް ލިބުމާއެކު މިކަމާއިމެދު ގޮތެއް ނިންމުމަށް މަޖިލީހުގެ ޖަލްސާއެއް މިހާރު ބާއްވަންވަނީ ތާވަލުކޮށްފައެވެ.

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ރައްޔިތުންގެ މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ލަފާ ދެއްވާފައިވަނީ ވަކި ގާނޫނަކުން ހައްލު ހޯދުމަށްވުރެ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށެވެ. އަދި ގާނޫނީ ގިނަ ބޭފުޅުންވެސް ލަފާ ދެއްވާފައިވަނީ ހަމަ އެމަގުން މިކަން ކުރުމަށެވެ.

އެހެންނަމަވެސް މިކަމަށް ހައްލެއް ފަރުވާއެއް ނުހޯދި ދެ މަސް ވެފައިވާއިރު އަދިވެސް މަޖިލިސް ރައީސް މިކަމުގައި ގޮތް ދޫކުރައްވަފާނެ ކަމާއިމެދު ސުވާލު އުފެދެއެވެ. އެކަން މިރޭގެ ޖަލްސާއިން އެނގިގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް