އޮޅުވެލި އައިސޮލޭޝަން ފެސިލިޓީގައި ހުރި ކޯވިޑަށް ޕޮސިޓިވް މީހަކު ކޮޓަރީގެ ފާހާނާގެ ބާތް ޓަބުގައި މަރުވެފައި އޮތް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރު ދޮގު މައުލޫމާތުފެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
މިރޭ ސޯޝަލް މީޑިއާގައި މީހަކު އާންމު ކުރި އެ ފޮޓޯގައި ފެންނަނީ ހަމައެކަނި ސޯޓެއް ލައިގެން އޮތް ފިރިހެނަކު ބާތް ޓަބެއްގެ ތެރޭގައި ކުރުގެޅިގެން ފޮޓޯއަށް ފުރަގަސްދީގެން އޮންނަ ތަނެވެ. ޓަބު ފުރެންދެން ފެން އަޅާފައި ހުރެ އެވެ. އަދި ބާތް ޓަބު ކައިރީގައި ރަތްކުލައިގެ އެއްޗެއް އަޅާފައި ހުރި ބިއްލޫރި ތައްޓެއް ހުއްޓެވެ.
ފުލުހުން މިރޭ ބުނީ އެމީހާ އޮތީ މަރުވެފައި ކަމަށް ބުނެ ފަތުރާފައިވަނީ ހަގީގަތާއި ހިލާފު ދޮގު މައުލޫމާތު ތަކެއްކަމަށެވެ. ފުލުހުން ވަނީ އެ ޕޯސްޓު ސޯޝަލް މީޑިއާއަށް ލީ މީހާއަށް އެ ޕޯސްޓު ނެގުމަށް އަންގައި އިތުރަށް އެ ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާ ނުކުރުމަށް އެދިފައި އެވެ.
މިފަދަ ނާޒުކު ދަނޑިވަޅެއްގައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ސޯޝަލް މީޑިއާގައި އެމީހާ އާންމު ކުރި ފޮޓޯގެ މައްސަލަ ފުލުހުން ތަހުގީގު ކުރާނެ ކަމަށް ބުނެފައިވެ އެވެ. އަދި އެ މައްސަލައިގަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ބުންޏެވެ.
ފުލުހުން ބުނީ ކޯވިޑާއި ގުޅިގެން ދޮގު މައުލޫމާތު ފަތުރާނަމަ އެކަން ސީރިއަސްކޮށް ތަހުގީގު ކުރާނެ ކަމަށެވެ.
މި ފޮޓޯ ސޯޝަލް މީޑިއާގައި އާންމު ކުރީ އަހުމަދު މުއާޒު ނަމަކަށް ކިޔާ މީހެކެވެ. އެޗްޕީއޭ ޓެގް ކޮށް ފޭސްބުކްގައި އޭނާ ބުނެފައިވަނީ ވައިރަސްއަށް ޕޮސިޓިވްވެފައިވާ އޭނާގެ އެކުވެރިޔާ ފާތިފް އީސާ އައިސޮލޭޝަންގައި ހުރި ކޮޓާރީގެ ފާހާނާގެ ބާތް ޓަބުގައި މަރުވެފައި އޮއްވަ ފެނިފައިވާ ކަމަށެވެ. އޭނާގެ ޕޯސްޓުގައި ވަނީ އެކުވެރިޔާއަށް ހެޔޮ ދުއާ ކޮށްފައި އެވެ.
މިކަމާ ގުޅިގެން ހެލްތް މިނިސްޓްރީގެ އޮފިޝަލަކު މީޑިއާގައި ވިދާޅުވެފައިވަނީ މަރުވި ކަމަށް ބުނާ އެމިހާ އާއި މިނިސްޓްރީން ގުޅައި ވާހަކަ ދައްކާފައިވާ ކަމަށެވެ. އެ ފޮޓޯއަކީ އޭނާއާ އެއް ކޮޓަރީގައި ހުރި އޭނާގެ ކޮއްކޮ ލައްވައި މަޖަލަކަށް ނަގައި އާލިއާގެ ވައިބަ ގްރޫޕަކަށް ލީ ފޮޓޯއެއް ކަމަށް ބުނެފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި އާންމު ކުރާ މިފަދަ ޕޯސްޓުތަކަށް ސަމާލުކަން ނުދިނުމަކީ އާންމުން ވަރަށް ބޮޑަށް ކުރަން ޖެހޭ ކަމެކެވެ. އެޗްޕީއޭއިން ދަނީ ކޯޑާއި ގުޅިގެން ޕޮސިޓިވްވާ މީހުންނާއި މަރުވާ މީހުން އަދި ބަލިން ރަނގަޅުވާ މީހުންގެ މައުލޫމާތު ވަގުތުން ވަގުތަށް ހިއްސާ ކުރަމުންނެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވެފައިވަނީ ފަސް މީހެކެވެ. އެއީ ތިން ދިވެހިންނާއި ދެ ބިދޭސީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް