ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލައިފައިވާ ކޮމިޝަންތަކަށް ޤާނޫނީ ގޮތުން ބާރުވެރިކަން ދިނުމަށް، މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދު އަދި ގެއްލުވާލައިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ އާއިލާ އިން ގޮވާލައިފިއެވެ.
އެ ދެ އާއިލާ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، އެ ދެ އާއިލާ އިން އަދިވެސް ތިބީ ޔާމީން އަދި ރިލްވާނަށް އިންސާފު ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ކަމަށާއި، ހަމަ އެގޮތަށް އެހެން އާއިލާތަކުން ވެސް މި ވޭން ތަހައްމަލް ކުރަމުން ދާކަމުގައެވެ. އެހެން ކަމުން ވީ އެންމެ އަވަހަކަށް ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލް ފާސްކޮށްދިނުމަށް އެ ބަޔާނުގައި ގޮވާލައިފައި ވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، އާއިލާތަކަށް އިންސާފު ނުލިބި ގިނަ ދުވަސް ވަނީ މައްސަލަތައް ތަހުގީގުކުރުމާއި ކުށްތައް ކުރުމުގައި ދައުލަތުގެ މުވައްޒަފުންގެ ކޮންމެވެސް ކަހަލަ ބައިވެރިވުމެއް އޭގައި ވާތީ ކަމުގައެވެ. އަދި އިންތިޚާބުގައި ވައުދުވީ ގޮތަށް އާއިލާތަކަށް އިންސާފު ހޯދައިދިނުމަށް ވަނީ އެ ބަޔާނުގައި ގޮވާލައިފައެވެ.
ނުހައްގުން މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ އާއިލާތަކަށް އިންސާފު ހޯދައި ދިނުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ. އެ މައްސަލަތައް ބެލުމަށް އެމަނިކުފާނު ވަނީ ވެރިކަމާއި ހަވާލުވިތާ ސަތޭކަ ދުވަހުގެ ތެރޭގައި މަރުތައް ބެލުމަށް ހާއްސަ ކޮމިޝަނެއް އެކުލަވާލާފައެވެ. ކޮމިޝަންތައް ބާރުވެރި ކުރުމަށް ނިމިދިޔަ މަޖިލީހުގައި ބިލް ފާސް ނުކުރުމުން އެމަނިކުފާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް