ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަންއަށް ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސެއިން އައްޔަންކުރަން މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.
19 ވަނަ މަޖިލިހުގެ ފަރާތުން ޖޭއެސްސީ އަށް ހިސާން ކަނޑައަޅަން މަޖިލިހުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 80 މެމްބަރުންގެ އިއްތިފާގުން ވޯޓު ފާސް ކޮއްފައިވާއިރު ހިސާން ފިޔަވައި އިތުރު ބޭފުޅެއްގެ ނަމެއް ހުށަހަޅާފައެއް ނުވެއެވެ.
ޖޭއެސްސީ އަށް އައްޔަންކުރަން ހިސާންގެ ނަން މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް ހުށަހެޅުއްވިއިރު އެ ނަމަށް ތާއީދުކުރެއްވީ ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބެވެ.
ޖޭއެސްސީގައި ހިމެނޭނީ 10 މެމްބަރުންނެވެ. އެހެންނަމަވެސް މަގާމުގެ ހައިސިއްޔަތުން އެ ކޮމިޝަންގައި ތިއްބަވަނީ ތިން ބޭފުޅެކެވެ. އެއީ ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމެވެ.
މީގެއިތުރުން ދެން ތިއްބަވާނީ ހިސާންގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފަރާތުން އިންތިޚާބު ކޮށްފައިވާ އަބްދުﷲ އަރީފާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ފަރާތުން އިންތިޚާބު ކޮށްފައިވާ މުހައްމަދު އީސާފުޅާއި ހައި ކޯޓުގެ ފަނޑިޔާރުންގެ ފަރާތުން އިންތިޚާބު ކޮށްފައިވާ އަބްދުލް ރައޫފު އިބްރާހީމެވެ. އަދި އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައެޅި އަބްދުލް ހަންނާން އަހުމަދުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު މަސްތޫރު ހުސްނީ އަދި ގާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބު ކޮށްފައިވާ ލަތީފާ ގާސިމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް