ލޭންޑިން ކްރާފްޓް މައްސަލައިގާ އެމްޕީއެލްގެ ކުރީގެ ޕްރޮކިއުމެންޓް ހެޑުގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ ފަރާތުން ބޮޑު ޚަރަދުކޮށް ލޭންޑިންގ ކްރާފްޓް ގެނައުމަށްފަހު އަނބުރާ ފޮނުވާލާފައިވާ ކަމަށާއި، އެ ލޭންޑިންގ ކްރާފްޓް ގަނެފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކާ ޚ...

29 May 2019 | 08:13

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ ފަރާތުން ބޮޑު ޚަރަދުކޮށް ލޭންޑިންގ ކްރާފްޓް ގެނައުމަށްފަހު އަނބުރާ ފޮނުވާލާފައިވާ ކަމަށާއި، އެ ލޭންޑިންގ ކްރާފްޓް ގަނެފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް ކަމަށް ބުނާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ތަޙްޤީޤުކޮށް ނިންމައި، އެމައްސަލައިގައި ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް (ޕީ.ޖީއަށް) ފޮނުވާފައިވާކަމަށް އޭސީސީން ބުނެފިއެވެ.

އޭސީސީން ބުނެފައިވާގޮތުގައި މި މައްސަލައިގައި ދަޢުވާކުރުމަށް ފޮނުވާފައިވަނީ، އެ ލޭންޑިންގ ކްރާފްޓް ގެނައުމުގެ މުޢާމަލާތުގެ ކަންކަން ކުރިއަށްދިޔައިރު، އެމް.ޕީ.އެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ އިސްވެރިއަކަށް ހުންނެވި ފަރާތުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވަނީ، ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) އަދި 13 ވަނަ މާއްދާގެ (ހ) ގެ ދަށުން، މަޤާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާއާއި، ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްކައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާއެވެ.

އޭސީސީން ބުނެފައިވާގޮތުގައި ޝަކުވާގައި ބުނާ ލޭންޑިންގ ކްރާފްޓް ގަތުމަށް އިންސްޕެކްޝަންއެއް ހެދުމުގެ ޒިންމާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ބޯޑުން ހަވާލުކޮށްފައިވަނީ އެ ދުވަސްވަރު އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ އިސްވެރިޔާއާ ކަން ތަޙްޤީޤަށް ލިބިފައިވާ ލިޔުންތަކުން އެނގޭކަމެވެ. އަދި މި ނިންމުމާ ގުޅިގެން ލޭންޑިންގ ކްރާފްޓުގެ އިންސްޕެކްޝަނެއް ހެދުމަށް އެ ދުވަސްވަރު އެމްޕީއެލްގެ އިންޖިނިއަރިންގ ޑިޕާޓްމަންޓުގެ އިސްވެރިޔާ އާއެކު، އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ އިސްވެރިޔާ އިންޑޮނީޝިއާގެ ސަމަރިންޑާއަށް ދަތުރުކުރިކަންވެސް މި މައްސަލައިގެ ތަޙްޤީޤަށް އެނގިފައިވާކަމަށެވެ.

"އެމް.ޕީ.އެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ އިސްވެރިޔާ ބައިވެރިވެ، އިންޑޮނީޝިއާގެ ސަމަރިންޑާގައި ހެދުނު މި އިންސްޕެކްޝަންގައި ވެސް، އެމް.ޕީ.އެލްއަށް ލިބިފައިވާ ޕްރޮފޯމާ އިންވޮއިސްގައި ބުނެފައިވާ ސްޕެސިފިކޭޝަނާ އިންސްޕެކްޓް ކުރެވޭ ލޭންޑިންގ ކްރާފްޓުގެ ސްޕެސިފިކޭޝަނާ ދިމާވޭތޯ ބަލަން އޭނާ އަންގާފައިނުވެއެވެ. އަދި އެދުވަހު ސަރވޭ ކޮށްފައިވަނީ 350 ޓަނުގެ ލޭންޑިންގ ކްރާފްޓެއް ކަމަށްވާތީ، އެއީ އެމް.ޕީ.އެލްއަށް ލިބިފައިވާ ޕްރޮފޯމާ އިންވޮއިސްގައި ބުނެފައިވާ ލޭންޑިންގ ކްރާފްޓް ނޫންކަން އެނގެއެވެ." އޭސީސީން ބުނެފައިވެއެވެ.

އެދުވަސްވަރު އެމް.ޕީ.އެލްއިން ޢަމަލުކުރަމުން އައި ޕްރޮކިއުމަންޓް ޕޮލިސީގައި، އެ ކުންފުނިން ހަދާ އެއްބަސްވުންތަކުގައި ހިމަނަންޖެހޭނެކަމަށް ބުނެފައިވާ ބައެއް މާއްދާތައް، ލޭންޑިންގ ކްރާފްޓް ގަތުމުގެ އެއްބަސްވުމުގައި ހިމަނާފައިނުވާކަން ފާހަގަކުރޭ ކަމަށާއި އެގޮތުން އެ އެއްބަސްވުމުގައި، ލޭންޑިންގ ކްރާފްޓަށް ފައިސާ ދައްކާނީ ތިން ބަޔަކަށް ބަހާލައިގެން ކަމަށް (އެޑްވާންސް 30%، އުޅަނދު ރާއްޖެ އަންނަން ފުރުމުން 30%، އުޅަނދު ޑެލިވަރވުމުން 40%) ބަޔާންކޮށްފައިވާއިރު، އެމްޕީއެލްގެ ޕްރޮކިއުމަންޓް ޕޮލިސީގައިވާ ގޮތުން އެޑްވާންސް ޕޭމަންޓުގެ ގޮތުގައި އެންމެ ގިނަވެގެންވެސް ދެވޭނީ މުދަލުގެ ޖުމްލަ އަގުގެ 15% (ފަނަރަ އިންސައްތަ) ކަމަށް ބުނެފައިވާތީ މި އެއްބަސްވުމަކީ ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީއާ ޚިލާފަށް ހަދާފައިވާ އެއްބަސްވުމެއްކަން ފާހަގަކުރެވޭ ކަމުގައި އޭސީސީން ބުނެފައިވެއެވެ.

"އެމްޕީއެލްއިން އެދުވަސްވަރު އަމަލުކުރަމުންއައި ޕްރޮކިއުމަންޓް ޕޮލިސީގައި، އެމްޕީއެލްއަށް މުދާ ނުވަތަ ޚިދުމަތް ހޯދުމަށް ހަދާ އެއްބަސްވުމެއްގައި ހުންނަންޖެހޭނެކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ، ޕަރފޯމެންސް ގެރެންޓީ (Performance guarantee)، ޕަރފޯމެންސް ސެކިއުރިޓީ (Performance Security)، ވޭރިއޭޝަން (Variation)، ލިކުއިޑޭޓެޑް ޑެމޭޖަސް (Liquidated Damages) އަދި ވޮރެންޓީ (Warrenty) އާ ބެހޭ އެއްވެސް މާއްދާއެއް އެ އެއްބަސްވުމުގައި ހިމަނާފައިނުވާކަން ތަޙްޤީޤަށް ފާހަގަކުރެވެއެވެ. އެހެންކަމުން، އެ އެއްބަސްވުމަކީ އެމް.ޕީ.އެލްއިން އަމަލުކުރަމުންއައި ޕްރޮކިއުމަންޓް ޕޮލިސީއާ ޚިލާފަށް ހަދާފައިވާ އެއްބަސްވުމެއްކަން އެނގެއެވެ." އޭސީސީން ބުނެފައިވެއެވެ.

[contentcards url="https://acc.gov.mv/details/11524"]

މީގެ އިތުރުންވެސް އިތުރު ގިނަ ކަންތައްތަކެއް އޭސީސީން ފާހަގަކޮށްފައިވާއިރު އޭސީސީން ބުނެފައިވަނީ އެމް.ޕީ.އެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ އިސްވެރިޔާގެ އިސްވެ ދެންނެވުނު ޢަމަލުތަކުން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދާދިނުމުގެ ގަސްދު އޭނާގެ އޮތްކަން ތަޙުޤީޤަށް އެނގޭ ކަމަށާއި އަދި މި މުޢާމަލާތުގައި އެމް.ޕީ.އެލްގެ ޕްރޮކިއުމަންޓް ހެޑުގެ ހައިސިއްޔަތުން އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދާދީފައިވާކަން ޝައްކެއްނެތް މިންވަރަށް ތަޙުޤީޤަށް ސާބިތުކުރެވޭތީ، މި މައްސަލައަކީ ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) އަދި 13 ވަނަ މާއްދާގެ (ހ) ގެ ދަށުން، އޭނާގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާއާއި، ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްކައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މި މައްސަލަ ވަނީ ފޮނުވިފައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް