އޯއައިސީ ސަމިޓްގައި ބައިވެރިވުމަށް ރައީސް ސައުދީއަށް

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ 14 ވަނަ ސަމިޓްގައި ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު މިއަދު ހެނދުނު ރަސްމީ ދަތުރުފުޅެއްގައި ސަޢުދީ ޢަރަބިއްޔާއަށް ...

29 May 2019 | 06:24

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ 14 ވަނަ ސަމިޓްގައި ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު މިއަދު ހެނދުނު ރަސްމީ ދަތުރުފުޅެއްގައި ސަޢުދީ ޢަރަބިއްޔާއަށް ފުރާ ވަޑައިގަންނަވައިފިއެވެ.

މިމަހުގެ 31 ވަނަ ދުވަހު ސައުދީގެ މައްކާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ސަމިޓަކީ، އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ މުހިންމު މައްސަލަތަކާ ބެހޭގޮތުން އިސްލާމީ ޤައުމުތަކުގެ އިސްވެރިން ބައްދަލުކުރައްވައި މަޝްވަރާކުރުމަށް ބާއްވާ ސަމިޓެކެވެ. މިގޮތުން މިއަދު ދުނިޔޭގައި މުސްލިމުންނާމެދު ގެންގުޅޭ ނޭދެވޭ ތަފާތުކުރުންތަކުގެ ޢަމަލުތައް ގިނަވަމުންދާ މައްސަލައާއި، މެދުއިރުމަތީގެ ހަމަޖެހުމާއި އަދިވެސް މުސްލިމް އުންމަތަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތަކާބެހޭ ގޮތުން މި ސަމިޓްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ.

1969 ގައި އޯއައިސީ އުފެދުމާއެކު އެޖަމާއަތް ވެގެން ގޮސްފައި ވަނީ މުޅި މުސްލިމް އުންމަތުގެ އަޑު އިއްވައިދޭ ފަރާތްކަމުގައެވެ. ބިލިޔަނަކަށްވުރެ ގިނަ މުސްލިމުން ތަމްސީލުކުރުމަށް އޯއައިސީގައި މިހާރު 57 މެންބަރު ޤައުމު ބައިވެރިވެއެވެ. މުސްލިމު އުންމަތަށް އެންމެ މުހިންމު ކަންކަމާމެދު މަޝްވަރާކުރުމަށް އޯއައިސީގެ ބައްދަލުވުން ބާއްވަމުން އަންނަނީ ކޮންމެ 3 އަހަރަކުން އެއްއަހަރުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް