ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ރައީސް ނަޝީދު އައްޔަން ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރުގެ ރައީސްގެ މަގާމަށް މިރޭ އިންތިހާބުވެވަޑައިގެންނެވި އެ މަޖިލީހުގެ އައު ރައީސް، ރައީސް މުހައްމަދު ނަޝީދު ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރުކަމަށް މިރޭ އައްޔަން ކ...

28 May 2019 | 22:36

ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރުގެ ރައީސްގެ މަގާމަށް މިރޭ އިންތިހާބުވެވަޑައިގެންނެވި އެ މަޖިލީހުގެ އައު ރައީސް، ރައީސް މުހައްމަދު ނަޝީދު ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރުކަމަށް މިރޭ އައްޔަން ކުރައްވައިފިއެވެ.

ރައީސް ނަޝީދު، ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރުކަމަށް އައްޔަން ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރައްޔިތުންގެ މަޖިލީހުގެ އާ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި މިރޭ ބައްދަލުކުރައްވައި، ތަހުނިޔާ ވިދާޅުވިކަމުގައި ރައީސް އޮފީހުން ހާމަކުރައްވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިރޭ ބޭއްވެވި މިބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވަމުން، މިހާރުގެ ރައްޔިތުންގެ މަޖިލީހަކީ، ވަރަށް ގިނަ ބައެއްގެ އުއްމީދު ތަކާއި ގުޅިފައިވާ މަޖިލީހެއްކަން ފާހަގަކުރެއްވިއެވެ. އަދި، މަޖިލީހުގެ މަސައްކަތްތައް ވީހާވެސް ހަލުއިކަމާއި އޮމާންކަމާއި އިންސާފުވެރިކަމާއެކު، މަޖިލީހުގެ އާ ރައީސްގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދަވާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން މަޖިލީހުގެ ރައީސްގެ މަސައްކަތްޕުޅަށް ސަރުކާރުން ވެދެއްވެން އޮތް އެއްބާރުލެއްވުމެއް ވީއެންމެފުރިހަމައަކަށް ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

19  ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަޝްވަރާއާއި އެހީތެރިކަމާއެކު، ވީހާވެސް އިންޞާފުވެރި ކަމާއިއެކު މަޖިލީހުގެ މަސައްކަތްތައް ހަލުއިކަމާއެކުކުރިއަށް ގެންދެވުމަށް މަޖިލީހުގެ ރިޔާސަތުން މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި، ޤައުމަށް އެންމެ ފައިދާހުރިގޮތަކަށް ކަންތައްތައް ކުރިއަށް ގެންދިއުމުގައި ސަރުކާރަށް ބޭނުންވާ އެހީތެރިކަން ދެއްވާނެކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރުކަމަށް ރައީސް ނަޝީދު އައްޔަން ކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ހ) އާއި، ޤާނޫނު ނަންބަރު 10/2008 ޖުޑިޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 3 ވަނަ މާއްދާގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތީންނެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ރައީސް މުޙައްމަދު ނަޝީދު ޢައްޔަން ކުރެއްވުމާ ގުޅިގެން، އެމަނިކުފާނު ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވައިފައެވެ. ރައީސް މުޙައްމަދު ނަޝީދަށް ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ އަޙްމަދު ޢަބްދުﷲ ދީދީއެވެ. މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ރައީސް މުޙައްމަދު ނަޝިދާ ވަނީ ޙަވާލުކުރައްވައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް