މިހާރު ކުރިއަށްމިދާ ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރުގެ ރައީސަކަށް، މައްޗަންގޮޅި މެދު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ރައީސް މުޙައްމަދު ނަޝީދު އިންތިހާބުކޮށްފިއެވެ.
އެ މާގަމަށް ރައީސް ނަޝީދު އިންތިހާބުވެފައިވަނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވުމަށް މިރޭ ބޭއްވި ޖަލްސާގައި ނެގި ވޯޓުގައި 67 ވޯޓު ލިބިގެންނެވެ. ރައީސް ކަމަށް، މަޖިލީހުގެ ނިމިދިޔަ ދައުރުގެ ރައީސް ގާސިމް އިބްރާހިމްގެ ނަންފުޅުވެސް ހުށަހެޅި ތާއީދު ލިބިގެންދިޔައެވެ. ވޯޓުގައި ގާސިމް އިބްރާހިމަށް ލިބިލެއްވީ 17 ވޯޓެވެ. ބާތިލު އެއްވޯޓު ވޯޓުގައި ހިމެނޭ ކަމުގައި ރިޔާސަތުން އިއުލާނު ކުރެއްވިއެވެ.
މިރޭގެ ޖަލްސާގައި މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން އެއްމެ މެމްބަރެއް ފިޔަވައި ދެންތިބި ހުރިހާ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. ބައިވެރިވެވަޑައިނުގަންނަވަނީ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އެވެ. އެމްޕީ ރިޒާ މިވަގުތު ހުންނެވީ އުމްރާއެއްގައި ކަމުގައި މަޖިލީހުން ހާމަކޮށްފައިވެއެވެ.
މަޖިލީހުގެ ރައީސް ހޮއްވެވުމަށް ބާއްވާފައިވަަނީ ސިއްރު ވޯޓެކެވެ.
މަޖިލީހުގެ އައު ރައީސަކަށް ރައީސް ނަޝީދު އިންތިހާބުވެފައިވާއިރު އެމްޑީޕީގެ ޕީޖީ ބައްދަލުވުމެއް ރޭގައި ބާއްވާ، އެމްޑީޕީގެ ފަރާތުން މަޖިލީހުގެ ރައީސަކަށް ހުށަހަޅާނެ ނަންފުޅެއް ފާސްކުރުން ކުރިއަށްގެންދިޔައެވެ. ނަޝީދުގެ ނަންފުޅު ހުށަހަޅަން ފާސްކުރީ އެ ޖަލްސާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް