ބޮލީވުޑްގެ އެކްޓަރު އިރްފާން ހާން މަރުވެއްޖެ

ބޮލީވުޑްގެ ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ މަޝްހޫރު އެކްޓަރު އިރްފާން ހާން މަރުވެއްޖެ އެވެ. އޭނާ މަރުވި އިރު އުމުރަކީ54 އަހަރެވެ. މަރުވީ ބަނޑުގެ ބައެއްގައި ކެންސަރު އުފެދި އެ ބައްޔަށް ފަރުވާ ކުރަމުން...

29 Apr 2020 | 06:48

ބޮލީވުޑްގެ ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ މަޝްހޫރު އެކްޓަރު އިރްފާން ހާން މަރުވެއްޖެ އެވެ.

އޭނާ މަރުވި އިރު އުމުރަކީ54 އަހަރެވެ. މަރުވީ ބަނޑުގެ ބައެއްގައި ކެންސަރު އުފެދި އެ ބައްޔަށް ފަރުވާ ކުރަމުންދާތާ ދެ އަހަރު ފަހުން ނެވެ.

ކެންސަރު ޖެހުމާއި އެކު އޭނާ ވަނީ2018 އަހަރުން ފެށިގެން މިދިޔަ އަހަރުގެ މެދުތެރެއާއި ޖެހެންދެން އިނގިރޭސިވިލާތުގައި ފަރުވާ ހޯދާފައި އެވެ. އޭނާ އެނބުރި އިންޑިއާއަށް ދިޔައީ ބަލިން ރަނގަޅުވެެގެން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މުމްބާއީ ކޮކީލާބެން ދިރުބާއީ އަމްބާނީ ހޮސްޕިޓަލްގައި އޭނާގެ ހާލު ސީރިއަސްވެގެން އެޑްމިޓް ކުރީ އިއްޔެ އެވެ.

މިއަދު އޭނާ މަރުވި އިރު މީގެ ހަތަރު ދުވަސްކުރިން އޭނާގެ މަންމަ ސައީދާ ބޭގަމް، 95، އިންޑިއާގެ ރާޖަސްތާނުގައި ވަނީ މަރުވެފަ އެވެ. ކޮރޯނާވައިރަހާ ހެދި އިންޑިއާ ލޮކްޑައުންކޮށްފައިވާތީ ޖަނާޒާގައި ބައިވެރިވާން ދެވޭނެ ގޮތެއް ނެތިގެން އިރުފާން ޖަނާޒާގައި ބައިވެރިވީ ވީޑިއޯ ކޮންފަރެސް މެދުވެރިކޮށް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ބައްޔަށް ފަރުވާ ހޯދުމަށް ފަހު މިދިޔަ އަހަރު އެނބުރި އިންޑިއާއަށް ގޮސް ވަނީ ފިލްމެއްގައި މަސައްކަތް ކޮށްފައި އެވެ. އެއީ މިދިޔަ މަހުގެ 13 ގައި ރިލީޒްކުރި "އަނގްރޭޒީ މީޑިއަމް" އެވެ.

އޭނާ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ހިންދީ މީޑިއަމް" "ތަލްވާރް" "ސަލާމް ބޮމްބޭ" އަދި "ގުންޑޭ" ފަދަ ކާމިޔާބު ފިލްމުތައް ހިމެނެ އެވެ.

މަރުވި އިރު އޭނާގެ އަންބަކާއި ދެ ފިރިހެން ދަރިން އެބަ ތިއްބެވެ. ބޮލީވުޑްގެ އިތުރުން އިރުފާން އަކީ ހޮލީވުޑްގައިވެސް މަސައްކަތް ކޮށްފައިވާ އެކްޓަރެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް