މިދިޔަ މަހު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ޖުމުލަ 253 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، މިދިޔަ މަހުވެސް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ކުޑަކުދިންނަށް އަނިޔާކުރި މައްސަލައެވެ.
ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަމަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 131 މައްސަލައެއް އެ މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވެއެވެ. މީގެ ތެރެއިން ޖިސްމާނީ ހާނީއްކަ ކޮށްގެން 38 މައްސަލައަކާއި، އިހުމާލުވުމުގެ 35 މައްސަލައިގެ އިތުރުން، ޖިންސީ ހާނީއްކައިގެ 32 މައްސަލަ ހިމެނެއެވެ. މީގެ އިތުރުން ނަފްސާނީ ހާނީއްކައިގެ 14 މައްސަލައާއި، ގެވެށި އަނިޔާ ކުރާތަން ފެނުމުގެ 6 މައްސަލައާއި، އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާލިބުމުގެ 3 މައްސަލަ އަދި އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 2 މައްސަލަ ހިމެނެއެވެ.
އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކުގައި ވާގޮތުގައި، ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 6 މައްސަލަ މިދިޔަ މަހު އެ މިނިސްޓްރީއަށް ވަނީ ރިޕޯޓުކޮށްފައެވެ. މި މައްސަލަތަކުގެ ތެރޭގައި، ސާފު ބޯފެނާއި ކަރަންޓުގެ ޚިދުމަތަށް ހުރަސް އެޅުމުގެ 4 މައްސަލައާއި، ތަޢުލީމަށް ހުރަސް އެޅުމުގެ 1 މައްސަލަ އަދި އައިޑީކާޑު/ ޕާސްޕޯޓް/ އުފަންދުވަހުގެ ސެޓުފިކެޓު ހޯދުމާ ބެހޭ 1 މައްސަލަ ހިމެނެއެވެ.
ޢާއިލީ 27 މައްސަލަ މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. އަދި އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ 5 މައްސަލައަކާއި، ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 15 މައްސަލަ މިދިޔަ މަހު ވަނީ ހުށަހަޅައިފައެވެ. މީގެ އިތުރުން، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 38 މައްސަލައަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 19 މައްސަލަ މިދިޔަ މަހު އެ މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. އަދި އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 12 މައްސަލައެއް ވެސް މިދިޔަ މަހު އެ މިނިސްޓްރީއަށް ވަނީ ރިޕޯޓުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް