ޖިމްއަށް ދާން ބޮޑު ކަމަކަށް ވެގެން އުޅޭ މީހުންނަށް ހާއްސަކޮށްގެން، ތައިލެންޑްގެ މާސްޓާޕީސް ހޮސްޕިޓަލުގައި ވަގުތުން ސިކްސް ޕެކްސް އަރުވާލެވޭނެ ސާޖަރީއެއް ކުރަންފަށައިފިއެވެ.
އެ ހޮސްޕިޓަލުގެ ސީއީއޯ ރަވީވަތު ސީ ވިދާޅުވީ، މި ސާޖަރީ ކުރަން ނިންމީ އަހަރެއްގެ މަތިން 20 ނުވަތަ 30 މީހުން ސާޖަރީ ހަދައިދިނުމަށް އެދި އަންނާތީކަމުގައެވެ.
އެ ހޮސްޕިޓަލާއި ހަވާލާދީ ތައިލެންޑްގެ ރިޕޯޓުތައް ބުނާގޮތުން، މި ސާޖަރީ އަކީ ސިލިކޯން ފަދަ ޕްލާސްޓިކްގެ އެއްވެސް ބާވަތެއް ބޭނުންކޮށްގެން ހަދާ ސާޖަރީއެއް ނޫނެވެ. ސާޖަރީއޭ ބުނުމުން ގިނަ މީހުންގެ ހިޔާލަށް އަންނަނީ ޕްލާސްޓިކް ބޭނުންކޮށްގެން ކުރާ އޮޕަރޭޝަނެއްގެ ގޮތުގައެވެ.
ރަވީވަތު ވިދާޅުވީ، މި ސާޖަރީ ހަދާނީ އެބްސް އަރުވާ ސަރަހައްދުގައި ހުންނަ ބޭކާރު ސަރުބީތައް ނަގައިގެން ކަމުގައެވެ. މީގެ ސަބަބުން ކަސްރަތީ ހަށިގަނޑެއް ކަމަށް ބޮޑަށް ދައްކައި، ގުދުރަތީ ސިކްސް ޕެކެއް ލިބޭނެ ކަމަށްވެސް ރަވީވަތު ވިދާޅުވިއެވެ. މީގެ އިތުރުން، މި ސާޖަރީގެ ސަބަބުން އެއްވެސް ވަރަކަށް ތަދު އިހުސާސް ނުވާނެ ކަމަށް ފާހަގަކުރައްވައި ރަވީވަތު ވިދާޅުވީ، ފުރަތަމަ ކޮޅު ބޭރުފުށުން ފެންނަ ނިޝާންތައް ފުހެވެން ކުޑަ ދުވަސްކޮޅެއް ނަގާނެ ކަމަށެވެ.
މިހާތަނަށް މި ސާޖަރީ ހެދި 90 އިންސައްތަ މީހުންނަށް ގުދުރަތީ އެބްސް އެއް ލިބިފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. މި ސާޖަރީ ކުރަން ފެށިފަހުން އެ ހޮސްޕިޓަލުން މިހާތަނަށް 200 އެއްހާ މީހުން ވަނީ ސާޖަރީ ހަދައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް