މާލީ ބަޔާން ހުށަނާޅާ މީހުންނަށް ދައުވާ ކުރަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަނާޅާ 39 ކެންޑިޑޭޓުންގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. މާލ...

29 Apr 2019 | 05:53

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަނާޅާ 39 ކެންޑިޑޭޓުންގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނަށް ދަޢުވާ ކޮށްދިނުމަށްޓަކައި މާދަމާ ޕްރޮސިކިއުޓަރ ޖެނެރަލް  އޮފީހަށް ފޮނުވާނެ ކަމަށް އީސީގެ މެމްބަރެއް ކަމަށްވާ އަހުމަދު އަކްރަމް ވިދާޅުވިއެވެ.

މާލީ ބަޔާން ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ދީފައިވާ ސުންގަޑި ހަމަވިއިރު 39 ކެންޑިޑޭޓަކު މާލީ ބަޔާން ހުށަހަޅާފައި ނުވާއިރު މާލީ ބަޔާން ހުށަހަޅާފައިވަނީ 347 ކެންޑިޑޭޓެކެވެ.

އިންތިޚާބުތަކާއި ބެހޭ ޢާއްމު ޤާނޫނުގައި ބުނެފައިވާ ގޮތުން އިންތިޚާބާއި ގުޅިގެން ކެންޑިޑޭޓު ކޮށްފައިވާ ޚަރަދުތަކުގެ ތަފްޞީލާއި ތާޢީދު ހޯދުމަށްޓަކައި ކެންޑިޑޭޓަށް ތާޢީދު ހޯދުމަށް ކޮށްފައިވާ ޚަރަދުތަކުގެ ތަފްޞީލާއި އިންތިޚާބަށް ޚަރަދު ކުރުމަށް ފައިސާ ހޯދި ގޮތުގެ ތަފްޞީލް ހިމެނޭ މާލީ ބަޔާނެއް ނުވަތަ ރިޕޯޓެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.

އިންތިޚާބަށް ޚަރަދު ކުރުމަށް ފައިސާދިން ފަރާތާއި ފައިސާ ދިން މިންވަރުވެސް މި ރިޕޯޓުގައި ކެންޑިޑޭޓު ހިމަނަންޖެހޭނެ ކަމަށާއި، ހުށަހަޅާ މާލީ ބަޔާން ނުވަތަ ރިޕޯޓަކީ ސައްޙަ އެއްޗެއްކަން ކަށަވަރު ކުރުމަށްޓަކައި ހުށަހަޅާ މަޢުލޫމާތުގެ ފައިސާގެ ރަސީދުތައްވެސް ހުށަހަޅަންޖެހޭނެ ކަމަށް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް