ޓްރެފިކް މެނޭޖްމަންޓް ޑިޕާރޓްމަންޓް އަދި ތިނަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ގދ. ތިނަދޫގައި ކުރިއަށް ގެންދިޔަ ޓެކްސީ ޑްރައިވަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ނިންމާ ބައިވެރިންނަށް ސެޓިފިކެޓް ދީފިއެވެ.
މިކަމަށްޓަކައި ތިނަދޫ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ރިހިބިލިޓޭޝަން ސެންޓަރުގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އަޕަރ ސައުތު ޕޮލިސް ޑިވިޜަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ނާހިދު ޙުސައިންނެވެ.
ޓެކްސީ ޑްރައިވަރުން މަގުމަތީ އުޅޭ އިރު ސަމާލުކަން ދޭންވީ ކަންކަމާއި ތިނަދޫގެ މަގުތަކަކީ އަމާން މަގުތަކަކަށް ހެދުމަށްޓަކައި ޑްރައިވަރުން މަސައްކަތްކުރުމަށާއި މި ޕްރޮގްރާމުން ދަސްވިކަންކަމުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށާއި ފުލުހުންނަށް ދޭންޖެހޭ އެއްބާރުލުން ދިނުމަށް ހުރިހާ ބައިވެރިންގެ ކިބައިން އެދިލައްވާ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ނާހިދު ޙުސައިން ވާހަކަ ދެއްކެވިއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އޭޕްރިލް 25 އިން ފެށިގެން ދެދުވަހުގެ މުއްދަތަކަށެވެ. އަދި މި ޕްރޮގްރާމުގައި އެއްގަމު ދަތުރު ފަތުރުގެ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކާއި މަގުމަތީގެ ޤަވާއިދުތަކާއި މަގުމަތީގެ އަދަބުތަކާއި ގުޅޭގޮތުންނާއި އެކްސިޑެންޓްތައް މަދުކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
މި ޕްރޮގްރާމުގައި 14 ބައިވެރިން ބައިވެރިވެ ސެޓްފިކެޓް ހާސިލްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް