އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިއު ސާރވިސް އިން "ފަޔަ ޕްރިވެންޝަން ވީކް 2019" ގެ ނަމުގައި އިއްޔެ ހަވީރު ޕްރޮގްރާމެއް ފަށައިފިއެވެ.
މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް އަލިފާނުގެ ހާދިސާތަކަށް ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ހަތް ދުވަހުގެ މުއްދަތަކަށް ބާއްވަން ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ، މާލޭ ސިޓީގެ އިތުރުން އެމްއެންޑީއެފް އޭރިއާތަކުގައި ހިންގަން ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.
އެގޮތުން މި ޕްރޮގްރާމަކީ އާންމުން ބަދިގޭގައި ހޭދަކުރާ ވަގުތު އިތުރުވާ މަހެއް ކަމަށްވާ ރަމަޟާން މަހު ބަދިގޭގައި ހިނގާފާނެ އަލިފާނުގެ ހާދިސާތަކުން ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން އާންމު ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަގުސަދުގައި، އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސަރވިސްއިން ހިންގާ ޕްރޮގްރާމެކެވެ.
އަދި އަލިފާނުގެ ހާދިސާތައް މަދުކުރުމަށް އާންމު ރައްޔިތުންނާއި ވީހާވެސް ގާތުން ހޭލުންތެރިކުރުމުގެ ގޮތުން މައުލޫމާރު ފޯރުކޮއްދިނުމަކީ ވެސް މި ޕްރޮގްރާމުގެ މަގުސަދެއް ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
މާލޭސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު، މާލޭ ސިޓީގައި ބޭއްވުމަށް މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ، މާލޭގެ އިތުރުން ވިލިމާލެ އަދި ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައެވެ.
އަދި އެމްއެންޑީއެފް އޭރިއާތައް ހިމެނޭ ރަށު ކައުންސިލްތަކާ ގުޅިގެން އިއްޔެއިން ފެށިގެން އަންނަ މެއި މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް އެމްއެންޑީއެފް އޭރިއާތަކުގައި ވެސް މި ޕްރޮގްރާމް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
މި ޕްރޮގްރާމަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިއު ސާރވިސްއިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް