ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފުރަތަމަ ދައުރުގެ ޖަލްސާތަކަށް ފަހު އެއް މަސްދުވަހުގެ ޗުއްޓީއަކަށް ވަޑައިގެންފި އެވެ.
މެންބަރުން ޗުއްޓީއަށް ވަޑައިގެންނެވިކަން މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ރައީސް އަބްދުﷲ މަސީހު އިއުލާނެއް ނުކުރައްވަ އެވެ. އެކަމަކު މިއަދުގެ މަޖިލީހުގެ ޖަލްސާ ކުރިޔަށް ދިޔަ ވަގުތު ކުރެއްވި ޓުވީޓެއްގައި ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެފައިވަނީ ކުރިޔަށް ދަނީ މިދައުރުގެ ފަހު ޖަލްސާ ކަމަށެވެ.
މަޖިލީހުގެ ގަވައިދު ބުނާގޮތުން މެއި މަހަކީ ފުރަތަމަ ދައުރަށް ފަހު މަޖިލީސް ޗުއްޓީއަށް ދާ މަހެވެ. ދެން މަޖިލީސް ފެށޭނީ ޖޫން މަހުގެ ފުރަތަމަ ހަފްތާގައި އެވެ. ފުރަތަމަ ދައުރުގެ ޖަލްސާތައް ކުރިޔަށް ގެންދަން އޮންނަނީ ފެބްރުއަރީ މަހުން ފެށިގެން އޭޕްރިލް މަހުގެ ނިޔަލަށެވެ.
މެންބަރުން ޗުއްޓީއަށް ވަޑައިގެންނެވި އިރު ހަފްތާގެ ހޯމަ، އަންގާރަ، އަދި ބުރާސްފަތި ދުވަހަކީ ޖަލްސާ ބާއްވަން ޖެހޭ ދުވަސްތަކެވެ. އެކަމަކު ފުރަތަމަ ދައުރުގައި ބާއްވާފައިވަނީ އެންމެ 13 ޖަލްސާ އެވެ. އެއީ ދައުރުން ބޭރުގައި ބޭއްވި ދެ ޖަލްސާ އާއި ދައުރު ފަށައި ބޭއްވި 11 ޖަލްސާ އެކެވެ.
މިދައުރުގައި އަވަސް އަރުވާލައިގެން މުޅިންވެސް ހުުށަހަޅައި، ފާސްކޮށްފައިވަނީ ސަރުކާރުން ހުށަހެޅި ބިލުތަކެކެވެ. އޭގެ ތެރޭގައި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ހުށަހެޅުމާއި، އެންޓީ ޑިފެކްޝަން ގާނޫނު ހިމެނެ އެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރަން ފާސްކުރި އެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހު ހޫނުވެ ހިނގާދިޔަ ހަމަނުޖެހުންތަކުގައި އިދިކޮޅު ގިނަ މަޖިލީސް މެންބަރުންތަކެއް ހައްޔަރު ކުރުމުން މިދައުރުގެ އެއްވެސް ޖަލްސާއެއްގައި އިދިކޮޅު މެންބަރުން ބައިވެރިވެ ވަޑައެއް ނުގަންނަވަ އެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި މަޖިލީހުގެ ޖަލްސާތަކުގެ މަސައްކަތްތައް ރަނގަޅަށް ކުރިއަށް ނުދިއުމުގެ ޒިންމާ ނަގަން ޖެހޭނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި ޕީޕީއެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް