ވަޒީރުންގެ ހެލްތު އިންޝުއަރެންސްއަށް އަހަރަކު 24،000 ދޭން ފާސްކޮށްފި

ވަޒީރުންނަށް ހެލްތް އިންޝުއަރެންސް ޕްރިމިއަމްގެ ގޮތުގައި އަހަރަކު 24،000 ރުފިޔާ ދޭން މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކޮށްފި އެވެ. މިގޮތަށް ފާސްކުރީ މިއަދުގެ ޖަލްސާގައި ބައިވެރިވި 36...

29 Apr 2018 | 09:47

ވަޒީރުންނަށް ހެލްތް އިންޝުއަރެންސް ޕްރިމިއަމްގެ ގޮތުގައި އަހަރަކު 24،000 ރުފިޔާ ދޭން މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކޮށްފި އެވެ.

މިގޮތަށް ފާސްކުރީ މިއަދުގެ ޖަލްސާގައި ބައިވެރިވި 36 މެންބަރުންގެ އިއްތިފާގުންނެވެ. މިއަދުގެ ޖަލްސާގައިވެސް އިދިކޮޅު އެއްވެސް މެންބަރަކު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

ވަޒީރުންގެ ހެލްތް އިންޝުއަރެންސް ޕްރިމިއަމަށް ދައުލަތުން ދޭ އަދަދު ބޮޑު ކުރަން މާލިއްޔަތު ކޮމިޓީން ނިންމީ އެކަމަށް އެދި ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ހުށަހެޅުއްވުމުންނެވެ. މި ޕެކޭޖުގެ ދަށުން ވަޒީރުންނާއި އެބޭފުޅުންގެ އަނބިކަނބަލުން ނުވަތަ ފިރިކަލުންނާއި އުމުރުން 18 އަހަރު ނުފުރޭ ކުދިންނަށް ބޭސް ފަރުވާ ކުރެވޭނެ އެވެ.

ވަޒީރުންގެ ހެލްތު އިންޝުއަރެންސްގެ އަހަރީ ޕްރިމިއަމަށް ދައުލަތުން ކުރިން ޚަރަދު ކުރަނީ އަހަރަކު 19،000ރ. އެވެ. މި އަދަދު ބޮޑު ކުރަން ނިންމީ އެލައިޑް އިންޝުއަރެންސްއިން ޕެކޭޖުގެ އަގުތަކަށް ބަދަލު ގެނައުމާއި ގުޅިގެންނެވެ.

މީގެ އިތުރުން ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މެންބަރުން ދައުލަތުގެ ޚަރަދުގައި ހެލްތު އިންޝުއަރެންސް ދޭ ސްކީމްގައި ބައިވެރިކުރަން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. މި ގޮތަށް ނިންމުމުން އެ ކޮމިޝަންގެ މެމްބަރުންނާއި އަނބިކަނބަލުން ނުވަތަ ފިރިކަލުންނާއި އުމުރުން 18 އަހަރު ނުފުރޭ ކުދިންނަށް ދައުލަތުގެ ހަރަދުގައި ބޭސް ފަރުވާ ކުރެވޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް