މިއަހަރުގެ ފުރަތަމަ ތިން މަހު ބޭންކް އޮފް މޯލްޑިވްސްއަށް ލިބުނު އާމްދަނީ 11 ޕަސެންޓު އިތުރުވެއްޖެ އެވެ.
އެ ބޭންކުން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން ފުރަތަމަ ތިން މަހު ސާފު ފައިދާގެ ގޮތުގައި 260 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާ ބަލާއިރު 11 ޕަސެންޓު އިތުރު އަދަދެކެވެ.
އަލަށް ބޭނުންކުރަން ފަށާފައިވާ އެކައުންޓިންގް ސްޓޭންޑަޑް، އައިއެފްއާރުއެސް9ގެ ދަށުން ލޯން ޕްރޮވިޝަންގެ ގޮތުގައި ބަހައްޓަން ޖެހޭ މިންވަރު އިތުރުވެފައިވީ ނަމަވެސް ފުރަތަމަ ކުއާޓަރުގެ ހިސާބުތަކަށް ބަލާލާއިރު ޓެކްސްއަށް ކެނޑުމުގެ ކުރިން ބޭންކަށް ލިބުނު ފައިދާ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާ އިރު ވަނީ ތިން ޕަސެންޓް އިތުރުވެފަ އެވެ.
އެއް މިންގަނޑަކުން އަޅާބަލާއިރު ޓެކްސްއަށް ކެނޑުމުގެ ކުރިން ބޭންކަށް ލިބުނު ފައިދާ 13 ޕަސެންޓް އިތުރުވެފައިވާ ކަމަށާއި، ލޯނު ދޫކުރެވުނު ނިސްބަތް ވެސް އިތުރުވެ، އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް 2017 ވަނަ އަހަރު ނިމުނު އިރު ހުރި ނިސްބަތަށް ވުރެ ދަށްކުރެވިފައިވާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
ބޭންކްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ ފުރަތަމަ ކުއާޓަރުގެ ނަތީޖާއާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ. އަދި މި ކުއާޓަރަކީ ވަރަށް ގިނަ ކަންތައްތަކެއް ކުރެވުނު ކުއާޓަރެއް ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ޚާއްސަ ސަމާލުކަމެއް ދީގެން، ބާރު ދުވެއްޔެއްގައި މަސައްކަތްކުރާނެ ކަމަށް ވެސް އެންޑްރޫ ވިދާޅުވި އެވެ.
"ކާމިޔާބުކަމާއެކު މިއަހަރު ފެށުނީތީވެ އަޅުގަނޑުމެން މިތިބީ ވަރަށް ހިތްހަމަޖެހިފަ. މިއީ ގިނަ މަސައްކަތްތަކެއް ކުރެވުނު ކުއާޓަރެއް އަދި މިއަހަރުގެ ބާކީ އޮތް ދުވަސް ތަކުގައި ވެސް މި ބާރު މިނުގައި މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް އަޅުގަނޑުމެން ޚާއްސަ ސަމާލުކަމެއް ދޭނަން. މިދިޔަ ކުއާޓަރަކީ ވަރަށް ބުރަކޮށް މަސައްކަތްކުރަން ޖެހުނު ކުއާޓަރެއް. ނަމަވެސް އަޅުގަނޑުމެންގެ މުވަައްޒަފުން ވަނީ ފާހަގަކޮށްލެވޭ ފަދަ ހީވާގި މަސައްކަތްތަކެއް ކޮށްފަ،" އެންޑްރޫ ވިދާޅުވި އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭންކިންގެ ޚިދުމަތްދޭ ކުންފުނިން، 20 އަތޮޅުގައި 34 ބްރާންޗު އަދި 35 ސެލްފްސަރވިސް ބޭންކިން ސެންޓަރާއި، 95 އޭޓީއެމްގެ އިތުރުން 5000 ޕީއޯއެސް މާޗަންޓުންގެ ޚިދުމަތް ދެ އެވެ. އަދި 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް