މިހާރު ކުރަމުންދާ ވިއްސާރައިގަ މިއަދުވެސް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ.
އެ އިދާރާއިން ބުނީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެކަމަކު ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ.
ދެކުނުގެ އަތޮޅޫތަކުގެ ތެރެއިން ތ އަތޮޅާއި އައްޑޫ ސިޓީ އާއި ދެމެދުގެ އަތޮޅުތަކަށް މިއަދު ހެނދުނު 11:15 އާއި ހަމައަށް އޮތީ ވައިޓް އެލާޓު ނެރެފަ އެވެ. މެޓް އޮފީހުން ބުނީ އެ ވަގުތުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭ އިރު ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެ އެވެ.
އާންމު ގޮތެއްގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައި ވަނީ ހުޅަނގާއި ހުޅަނގު އުތުރުން އެންމެ ދެކުނު އަތޮޅުތަކަށް 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި، އެހެންހިސާބުތަކުގައި ގަޑިއަކު ފަސް މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި އެވެ.
މެޓް އޮފީހުން ބުނީ ދެކުނުގެ އަތޮޅުތަކުގެ ކަނޑު ގަދަވާނެ ކަމަށެވެ. އެކަމަކު އެހެން ހިސާބުތަކުގެ ކަނޑު އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް