"އިންޑިއަން އައިޑޮލް" ސީޒަން 10 ދެއްކުމަށް ސޮނީން ތައްޔާރުވެ އަންނަ މަހު އޮޑިޝަން ބޭއްވުމަށް ވަނީ ނިންމާފަ އެވެ.
މިއަހަރުގެ ޝޯގެ އޮޑިޝަން އިންޑިއާގެ 10 ސިޓީއެއްގައި ކުރިޔަށް ގެންދާނެ އެވެ. މި ޝޯ މިފަހަރު ހާއްސަވާ އެހެން ކަމެއްވެސް އެބަ އޮތެވެ. އެއީ ޝޯގެ ޖަޖެއްގެ ގޮތުގައި ބައިވެރިވާ ނޭހާ ކައްކަރެވެ.
މުޅިން އަލަށް މި ޝޯގެ ޖަޖެއްގެ ގޮތުގައި ފެނިގެންދާނެ ނޭހާ އަކީ 2006 ވަނަ އަހަރުގެ އިންޑިއަން އައިޑޮލްގެ ބައިވެރިއެ ކެވެ. އޭނާ އަކީ މިހާރު އިންޑިއާގަ އެންމެ މަޝްހޫރު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ މީހެކެވެ.
އުމުރުން 29 އަހަރުގެ ނޭހާ ބުނީ އައިޑޮލް ގައި ބައިވެރިވުމަށް ފަހު ޖަޖުންގެ ޕެނަލުން ޖާގަ ލިބުމުން ވަރަށް އުފާވާ ކަމަށެވެ. އޭނާ ވަނީ މިދިޔަ ދެ އަހަރު ޒީޓީވީން ދެއްކި ""ސާރޭގާމާ ލިޓްލް ޗެމްޕްސް" ގެ ޖަޖުކަން ކޮށްފައި އެވެ.
ނޭހާ މި ފަހަކުން ކިޔާފައިވާ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ކާލާ ޗަޝްމާ"، "ލިފްޓް ތެރި ބަންދް ހޭ" އަދި "ތޫ ޗީޒް ބަޅީ ހޭ" ހިމެނެ އެވެ.
ނޭހާގެ އިތުރުން މިއަހަރުގެ އިންޑިއަން އައިޑޮލް ސީޒަން 10 ގައި ޖަޖުންގެ ގޮތުގައި ފެނިގެންދާނީ އަނޫ މާލިކް އަދި ވިޝާލް ދަދްލާނީ އެވެ. އެ ދެމީހުން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.
މިއަހަރުގެ ޝޯގެ އޮޑިޝަން އަންނަ މަހު ފެށި ނަމަވެސް އަދި ސީޒަން ދައްކަން ފަށާނެ ދުވަހެއް ސޮނީ ޓީވީން އިއުލާނެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް