ޔަމަނުގެ ވެރިރަށް ސަނާގައި ސިއްރިއްޔާތުގައި ހޫތީންގެ އިސްވެރިންތަކެއް ކުރިއަށްގެންދިޔަ ބައްދަލުވުމަކަށް އަމާޒުކޮށް އަރަބި ކޯލީޝަނުން ދިން ވައިގެ ހަމަލާއެއްގައި 38 މީހަކު މަރާލައިފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެ ބައްދަލުވުމަކީ ސަނާގައި ހުންނަ ދާހިލީ ވުޒާރާގެ އިމާރާތެއްގައި ހޫތީންގެ ކޮމާންޑަރުންގެ މެދުގައި ކުރިއަށްދިޔަ ބައްދަލުވުމެކެވެ. އެ ބައްދަލުވުމުގައި ސުޕަވައިޒަރު ލެވެލްގެ މީހުން ހިމެނޭ ކަމުގައިވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
މި ހަމަލާ އަރަބި ކޯލީޝަނުން ކާމިޔާބުކަމާއެކު ދީފައިވާތީ އެބައްދަލުވުމުގެ މައުލޫމާތު ލީކުކުރީ ކޮން ފަރާތަކުންކަން ކަށަވަރު ކުރުމަށް ހޫތީން ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާކަމުގައިވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ޔަމަނުގެ ދާހިލީ ހަނގުރާމައިގާ އެ ގައުމުގެ ސަރުކާރު ވެރިރަށުން ބޭރުކޮށް ހޫތީން ވަނީ އެމީހުންގެ އަމިއްލަ ސަރުކާރެއް ގާއިމް ކޮށްފައި އެވެ. ޔަމަނުގެ ސަރުކާރަށް ބާރުތައް އަނބުރާ ހޯދައިދިނުމަށް އަރަބި ކޯލީޝަނުން މަސައްކަތް ކުރަމުން އަންނައިރު އިރާނުން އަންނަނީ ހޫތީންނަށް ވާގިވެރިވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް