އައްޑޫ ސިޓީގެ ތިން ރަށެއްގެ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފަށައިފި

އައްޑޫ ސިޓީ ފޭދޫ، މަރަދޫ-ފޭދޫ އަދި މަރަދޫގައި ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރަސްމީކޮށް މަސައްކަތް ފަށްޓަވައިދެއްވީ އެންވަޔަރަމަނ...

29 Apr 2017 | 10:34

އައްޑޫ ސިޓީ ފޭދޫ، މަރަދޫ-ފޭދޫ އަދި މަރަދޫގައި ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރަސްމީކޮށް މަސައްކަތް ފަށްޓަވައިދެއްވީ އެންވަޔަރަމަންޓު މިނިސްޓަރު ތޯރިގު އިބްރާހީމެވެ. ތިން ރަށުގެ ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ ރަސްމިއްޔާތު ބޭއްވީ ވަކިވަކިންނެވެ.

އަހަރާއި ތިން މަސްތެރޭ ނިންމަން މި މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި އެވެ. މި ތިން ރަށުގެ ނަރުދަމާ ނިޒާމުގެ މަސައްކަތަކީ އޮޕެކް ފަންޑް ފޯ ޑިވެލޮޕްމެންޓް (އޯފިޑް) ގެ ލޯނުގެ އެހީ އާއި ޕީއެސްއައިޕީން ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއަށް 130 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބުނެފައިވެ އެވެ.

މި ތިން ރަށުގެ އިތުރުން މިއަދު ހަވީރު ހިތަދޫގެ ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް އަމަލީ ގޮތުން ފަށާނެ އެވެ. އެ މ މަސައްކަތް ކުރަނީ އެމްޑަބްލިއުއެސްސީންނެވެ.

އިއްޔެ ވަނީ ހުޅުދޫ އާއި މީދޫގެ ނަރުދަމާ ނިޒާމް ރަސްމީކޮށް ފަށާފައި އެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސްރީ ލަންކާގެ ސިއެރާ ކުންފުންޏާ އެވެ.

އައްޑޫގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ގެންދަނީ މި ހަފްތާ ތެރޭގައި ގިނަ މަޝްރޫއު ތަކެއްގެ ފެށުމުގެ ރަސްމިއްޔާތު ބާއްވަމުންނެވެ. އެގޮތުން މިނިސްޓަރުންނާއި ސަރުކާރުގެ އެކި ފަންތީގެ ބޭފުޅުންގެ އިތުރުން ޕީޕީއެމްގެ މަޖިލީސް މެންބަރުން އެކި ގްރޫޕުތަކަށް ބަހާލައިގެން ގެންދަވަނީ އަތޮޅުތެރެއަށް ދަތުރު ކުރައްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް