އަންކިތު ތިވާރީގެ މައްޗަށް އުފުލި ރޭޕްގެ ކުށް ސާބިތެއް ނުވި

ލަވަަކިޔުންތެރިޔާ އަންކިތު ތިވާރީގެ މައްޗަށް އުފުލާފައިވާ ރޭޕްގެ ކުށް ސާބިތު ނުވާ ކަމަށް ކޯޓުން ނިންމައިފި އެވެ. 2012 ވަނަ އަހަރު ރިލީޒްކޮށްފައިވާ "އާޝިގީ 2" ގެ "ސުން ރަހާ ހޭ ނާ ތޫ" އިން ގިނަ ބަައެއްގ...

29 Apr 2017 | 09:13

ލަވަަކިޔުންތެރިޔާ އަންކިތު ތިވާރީގެ މައްޗަށް އުފުލާފައިވާ ރޭޕްގެ ކުށް ސާބިތު ނުވާ ކަމަށް ކޯޓުން ނިންމައިފި އެވެ.

2012 ވަނަ އަހަރު ރިލީޒްކޮށްފައިވާ "އާޝިގީ 2" ގެ "ސުން ރަހާ ހޭ ނާ ތޫ" އިން ގިނަ ބަައެއްގެ މަޤްބޫލުކަން ހޯދި އަންކިތުގެ މައްޗަށް ރޭޕުގެ ތުހުމަތު ކުރީ އޭނާގެ ކުރީގެ ލޯބިވެރިއެކެވެ. 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް، އެކި ފަހަރު މަތިން އަންކިތު އޭނައާ ގަދަކަމުން ޖިންސީ ގުޅުން ހިންގާފައިވާ ކަމަށް ފުލުހުންނަށް އޭނާ ހުށަހެޅި މައްސަލާގައި ބުނެފައިވެއެވެ.

އެ މައްސަލައާއި ގުޅިގެން 2014 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ފުލުހުން އަންކިތު ހައްޔަރުކުރި ނަމަވެސް ކަފާލާތުގެ ދަށުން ފަހުން ވަނީ އޭނާ ދޫކޮށްލާފައެވެ.

މި ހިނގާ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު ކުރިޔަށް ގެންދިޔަ ޝަރީޢަތުގެ އަޑުއެހުމުގައި މައްސަލަ ހުށަހެޅި ފަރާތުން ހެކިބަސް ދޭން އިންކާރު ކުރުމުން އަންކިތުގެ މައްޗަށް ދައުވާގެ ކުށް ސާބިތު ނުވާ ކަމަށް ކޯޓުން ވަނީ ނިންމާފައެވެ.

މައްސަލަ ހުށަހެޅި އަންހެން މީހާ އަށް ބިރުދެއްކި ކަމަށް ބުނެ އަންކިތުގެ ބޭބެ، އަންކުރް ތިވާރީގެ މައްޗަށްވެސް ދައުވާ އުފުލާފައިވެއެވެ. ނަމަވެސް އެ ދައުވާވެސް ސާބިތުވެފައެއް ނުވެއެވެ.

އަންކިތު ބުނީ މި މައްސަލައިގެ ސަބަބުން އޭނާގެ "ކެރިއާ" އަށްވެސް ނޭދެވޭ އަސަރު ކޮށްފަައިވާކަމަށެވެ. އެގޮތުން އޭނާ ހައްޔަރު ކުރި ފަހުން ފިލްމަކަށް ލަވަކިޔުމުގެ ފުރުސަތު ވެސް ލިބުނީ ވަރަށް އުނދަގުލުން ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން ޝަރީއަތް ނިމުމުން އަންކިތު ބުނީ އޭނާގެ ކުށެއް ނެތްކަން އެންމެ ބޮޑަށް ސާބިތުކޮށްދޭން ބޭނުންވީ މަންމަ އާއި ބައްޕަ އަށް ކަމަށެވެ. ސަބަބަކީ އެ ދައުވާގެ ސަބަބުން އޭނާގެ މައިންބަފައިންނަށް ބޮޑު ހިތާމައެއް ލިބުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް