އެމެރިކާގެ ހަކަތައިގެ ނިޒާމް ވަރުގަދަ ކުރުމަށްޓަކައި އާކްޓިކް އަދި އެޓްލާންޓިކުން ތެޔޮ ނެގުމަށް އޮންނަ ޤާނޫނީ މަނާކުރުންތަކަށް ދޫދިނުމަށް އެކްސެކްޓިވް އޯޑާއެއްގައި އެ ޤައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ސޮއިކުރައްވައިފިއެވެ.
ޓްރަމްޕް ވިދާޅުވީ، އެ އޯޑާއާއެކު ތެޔޮގެ ބާޒާރުގައި ހާހުން ހާހުން ވަޒީފާތައް އުފެދިގެން ދާނެކަމަށެވެ. ޓްރަމްޕް އިތުރަށް ވިދާޅުވީ އެމެރިކާއަކީ ޤުދުރަތީ ވަސީލަތްތަކުން މުއްސަދި ޤައުމެއް ކަމަށާއި، އެ ޤައުމުގެ ކަނޑުގެ ސަރަޙައްދުތަކުން ތެޔޮއާއި ގޭސް ލިބޭއިރު ސަރުކާރުން އެފަދަ ސަރަޙައްދުތައް ބަންދުކޮށްފައި ބޭއްވުމުގެ އެއްވެސް މާނައެއް ނެތްކަމަށެވެ.
އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރުން އެ ސަރަޙައްދުން ތެޔޮ ނެގުމަށް ވަރަށް ގިނަ ޤާނޫނީ ހިފެހެއްޓުންތަކެއް ގެންގުޅުނެވެ. އެއީ ކަނޑުގެ އެ ސަރަޙައްދު ހިމާޔާތް ކުރުމަށްޓަކައި ކުރި ކަމެއްކަމަށް އޭރުގެ ސަރުކާރުން ބުނެފައިވެއެވެ.
އޮބާމާގެ ސަރުކާރުން ތިމާވެށީގެ ރައްކާތެރިކަމަށް ކޮށްފައިވާ ކަންތައްތައް ހުއްޓުވާލުމަކީ ރިޔާސީ އިންތިޙާބަށް ކެންޕެއިނު ކުރިއިރު ޓްރަމްޕް ވެފައިވާ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް