އަހަރެމެންގެ ކާބަފައިންގެ ޒަމާނުއްސުރެވެސް އަޑު އިވިފައި އޮންނަ ގޮތުގައި ދިވެހިންނަކީ މުރާލިބައެކެވެ. ހީވާގި ބައެކެވެ. ފަހަރުގައި އެ ޒަމާނުގައި ހަޤީގަތުގައިވެސް ދިވެހިންނަކީ މުރާލި ބަޔަކީ ކަމަށް ވެދާނެއެވެ. ހީވާގި ބަޔަކީ ކަމަށް ވެދާނެ އެވެ. ނަމަވެސް މި ޒަމާނުގައި ދިވެހިންނަކީ މުރާލި ބައެކޭ ބުނެވޭނެ ފުރުސަތު އެބައޮތްހެއްޔެވެ؟ ހީވާގި ބައެކޭ ބުނުމުގެ ފުރުސަތު އެބަ އޮތް ހެއްޔެވެ؟ މި ކުޑަ ކުޑަ ދިވެހިރާއްޖެ ކުރިއެރުވުމުގައި މުރާލި ކަމާއެކު މަސައްކަތް ކޮށްދެނީ ކޮންބަޔެއްހެއްޔެވެ؟ ހަމަ އެ ބުނާ މުރާލި ދިވެހިން ހެއްޔެވެ؟
ކާބަފައިންގެ ޒަމާނުގައި ދިވެހިންނަކީ ހީވާގި ބައެއް ގޮތުގައި ފާހަގަ ވެފައިވަނީ އެ ޒަމާނުގައި ދިވެހިން މަސައްކަތް ކޮށް އުޅުނީ އަމިއްލަ އަތުން ކަމަށް ވާތީއެވެ. އެ ޒަމާނުގައި ދިވެހިން ލާރި ހޯދަމުން އައީވެސް އަމިއްލަ އަތުން ބުރަ މަސައްކަތް ކޮށްގެންނެވެ. އެގޮތުން ރޯނު ވެށުމާއި ކުނާ ވިޔުމާއި ދޯނި ފަހަރު ބަނުމަކީ އޭރުގެ ދިވެހިން ހީވާގި ކަމާއެކު ކޮށް އުޅުނު ބައެއް މަސައްކަތްތަކެވެ. އެމީހުން ދިރިއުޅުމަށް ގެ ވެސް ހަދާފައިވަނީ އަމިއްލަ ބުރަ މަސައްކަތުންނެވެ. މީގެ އިތުރުން އެމީހުންގެ ޒަރޫރީ ކަންތައް ކުރަމުން އައީވެސް އަމިއްލަޔަށްށެވެ. އަދި މި ނޫނަސް މި ޒަމާނުގެ ދިވެހިންގެ އަތުން ނުކުރާ އެތަށް ބުރަ މަސައްކަތެއް އެޒަމާނުގައި ދިވެހިން ކޮށްފައިވެއެވެ.
މި ޒަމާނުގެ ގިނަ ދިވެހިންނަކީ މުރާލި ބައެއް ކަމަށް ގަބޫލު ނުކުރެވޭ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އެގޮތުން މިހާރު އާންމުކޮށް ފެންނަ އެއް މަންޒަރަކީ ދިވެހިންނަށް ވަޒީފާގެ މަސްއޫލިއްޔަތު ރަނގަޅަށް އަދާ ކުރެވޭ ގިނަ މަސައްކަތްތައްވެސް ބިދޭސީން ކުރާތަނެވެ. މިސާލަކަށް ބުނަނީ ނަމަ ދަނޑުވެރިކަމެވެ. ކާބަފައިންގެ ޒަމާނުގައި ދަނޑުވެރިކަން ކޮށް އުޅުނީ އެމީހުން އަމިއްލައަށެވެ. ރާއްޖެއިން ބޭރުން މީހުން ގެނެސްގެނެއް ނޫނެވެ. ނަމަވެސް މި ޒަމާނުގައި ދަނޑުވެރިކަން ކުރަނީ އާންމުކޮށް ބިދޭސީން ލައްވައެވެ. ދަނޑުވެރިކަން ކުރަން ދިވެހިން ލަދު ގަންނަނި ހެއްޔެވެ؟ ނޫނީ ހިސާބަށް ވުރެ ކަންނެތީހެއްޔެވެ؟ ހަޑި މަސައްކަތަކަށް ވަނީ ހެއްޔެވެ؟ ކޮންމެ މީހަކުވެސް އިންނަން ވީ އޮފީހެއްގެ މޭޒުދޮށުގައި ހެއްޔެވެ؟ މިއީ އަހަރެމެން އަމިއްލަ ނަފްސާ ކޮށްލުން ރަނގަޅު ސުވާލެކެވެ.
ބިދޭސީން ދިރިއުޅޭ އަމިއްލަ ގެއާއި އާއިލާ ދޫކޮށްފައި އެމީހުން ރާއްޖެ އައިސް އެހީ ވަނީ ދިވެހިން ބޯހިޔާވާނެ ގެދޮރު އިމާރާތް ކުރުމަށެވެ. މަގެއް ހެދިޔަސް ހަދަނީ ބިދޭސީން ލައްވައެވެ. ތަނެއް ސާފު ކުރަން ވިޔަސް ކުރުވަނީ ބިދޭސީއެއް ލައްވައެވެ. ގޭގައި ކައްކަނީވެސް ބިދޭސީއެކެވެ. ލާ އަންނައުނު ދޮންނަނީ ވެސް ބިދޭސީއަކު ލައްވައެވެ. ނުވިތާކަށް ތިމާގެ އަމިއްލަ ދަރިފުޅަށް ކާންދިނުމާއި އެ ކުއްޖާގެ އެހެން ކަންތައްތައް ވެސް ކުރުވަނީ ބިދޭސީއެއް ލައްވައެވެ. މިހާ ހިސާބަށް ކަންތައް ގޮސްފައިވާއިރުވެސް ދިވެހިންނަކީ މުރާލި ބައެކޭ ބުންވެން އެބައޮތް ހެއްޔެވެ؟
ސަރުކާރުގެ ވަޒީފާތަކަށާއި ރިސޯޓުތަކުގެ ވަޒީފާތަކަށް ބަލާލި ކަމުގައި ވިޔަސް ފެންނަނީ ވަޒީފާ ދިނުމުގައި ދިވެހިންނަށްވުރެ ބިދޭސީންނަށް އިސްކަންދޭތަނެވެ. މިފަދަ ކަންކަން އެނގިހުރެ، ދެއަތް އުރާލައިގެން ތިބެނީ ކިތައް ދިވެހިން ހެއްޔެވެ.
ދިވެހި ކާނބަފައިން ދައްކައިދިން ނަމޫނާ ދިރިއުޅުމުގެ ވައްޓަފާޅި ނެތިގެން ދަނީއެވެ. ދިވެހިންގެ ކަންނެތްކަން އިންތިހާއަށް މައްޗަށް ދަނީއެވެ. "ބަލަ ބަލަ މިހެން ތިބެގެންނެއް ވާކަށް ނެތޭ، ފަރުވާއެއް ބޭހެއް މިކަމަށް ޝިފާއެއް ނެތޭ، ފުންނާބު ހަރުބިއްޔަށް ނަގާ އަންނާނެ މީހަކުވެސް ނެތޭ " މި ޅެމުގައި ބުނާ ބީދައިން ދިވެހިންގެ ކަންނެތްކަން ފިލުވާލަން އެބަ ޖެހެ އެވެ. ބަލަން ތިބެގެން ވާކަށް ނެތެވެ. ފަރުވާއެއް ބޭހެއް މިިކަމަށް ޝިފާއެއް ނެތެވެ. ތިމާ އަމިއްލަ އަށް ފަރުވާ ބަހައްޓައިގެން ނޫން ގޮތަކަށް މިކަމަށް ހައްލެއް ނެތެވެ. ވިސްނާ ފިކުރު ކޮށްލުން މުހިންމެވެ.
އާޓިކަލްގައި ބޭނުންކޮށްފައިވާ ފޮޓޯ ނަގާފައިވަނީ : ސާލިހަ ފޭސްބުކް ޕޭޖުން
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް