ހުޅުމާލޭގައި 1،100 އަށް ވުރެ ގިނަ އުޅަނދު ޕާކު ކުރެވޭ ޕާކިން ބިލްޑިންގެ ބިންގާ އެޅުމުގެ ރަސްމިއަޔާތުގެ ތެރެއިން ./ފޮޓޯ: ރައީސް އޮފީސް
ހުޅުމާލެ ފޭސް އެކެއްގައި ބިނާކުރާ އާ ޕާކިން އިމާރާތުގެ
ބިންގާ އެޅުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މިއީ މާލެ ސަރަހައްދުގައި ދިމާވެފައިވާ ޕާކުކުރުމުގެ
ދަތިތަކަށް ނިމުމެއް ގެނައުމަށްޓަކައި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން
(އެޗްޑީސީ) އިން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި 13 މަލްޓި-ލެވެލް ޕާކިން
ބިލްޑިން އެޅުމަށް ފަށާފައިވާ ބޮޑު މަޝްރޫއުގެ ބައެކެވެ. މި މަސައްކަތުގެ
މައިގަނޑު ބޭނުމަކީ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރުގެ ނިޒާމު
ހަރުދަނާކުރުމާއެކު އެ ސަރަހައްދުގެ ތަރައްގީއަށް މަގުފަހިކުރުމެވެ.
ތިމާވެއްޓާ ރައްޓެހި ގޮތަކަށް ފަރުމާކޮށްފައިވާ މި
އިމާރާތްތަކުގައި ސޯލާ ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުމުގެ ނިޒާމު
ހިމެނޭނެއެވެ. މި މަޝްރޫއުގެ ދަށުން 1،100 އަށް ވުރެ ގިނަ އުޅަނދަށް ޕާކު ކުރެވޭނެ
ޖާގަ ހަމަޖެހިގެންދާއިރު، ޒަމާނީ ސްމާޓް ޕާކިން ޓެކްނޮލޮޖީތައް ވެސް
ތައާރަފުކުރެވޭނެއެވެ. މީގެ އިތުރުން، މި ބިލްޑިންތަކުގެ އެންމެ މަތީ
ފަންގިފިލާގައި ރެސްޓޯރެންޓާއި މުނިފޫހިފިލުވުމުގެ ޚިދުމަތްތައް ހުންނާނެއެވެ.
އަދި އިލެކްޓްރިކް އުޅަނދުތައް ޗާޖުކުރާނެ ތަންތަނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން ބޭނުންކުރެވޭނެ އިންތިޒާމުތައް ވެސް މި އިމާރާތްތަކުގައި ހިމެނެއެވެ.
ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރާއި ތިން
އަހަރާ ދެމެދު މި ހުރިހާ އިމާރާތްތަކެއްގެ މަސައްކަތް ނިންމާލުމެވެ. ހުޅުމާލޭގެ
އާބާދީއާއި އުޅަނދުފަހަރު އިތުރުވަމުންދާ މި ދަނޑިވަޅުގައި، މިއީ ޕާކިންގެ
މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ މުހިންމު މަސައްކަތެކެވެ. ހުޅުމާލެ
ފޭސް އެކަކީ ގާތްގަނޑަކަށް އެއްލައްކަ މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން
ތަރައްގީކޮށްފައިވާ 194 ހެކްޓަރުގެ ސަރަހައްދެކެވެ. މާލެ ސަރަހައްދުގެ ޕާކިން
މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު މީގެ
ކުރިން ވެސް ވަނީ ވައުދުވެވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް