ހުޅުމާލެއިން ދޫކުރި ގޯތިތަކުގައި ވިޔަފާރިކުރެވޭ ގޮތް ހަދަން ސަރުކާރުން ނިންމައިފި

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 2 އަދި ފޭސް 3 އިން މާލޭ ރައްޔިތުންނަށް ދޫކޮށްފައިވާ ގޯތިތައް ވިޔަފާރިއަށް ބޭނުންކުރެވޭ ގޮތް ހައްދަވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު ރޭ ވިދ...

06 Jul 2026 | 04:50
ޖަލްސާގެ ތެރެއިން. ފޮޓޯ: އެޗްޑީސީ.

ޖަލްސާގެ ތެރެއިން. ފޮޓޯ: އެޗްޑީސީ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 2 އަދި ފޭސް 3 އިން މާލޭ ރައްޔިތުންނަށް ދޫކޮށްފައިވާ ގޯތިތައް ވިޔަފާރިއަށް ބޭނުންކުރެވޭ ގޮތް ހައްދަވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު ރޭ ވިދާޅުވެއްޖެއެވެ.

ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުން ނިންމުން ފާހަގަކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެޗްޑީސީގެ މިލްކުވެރިކަމުގައި މިހާރު ހުރި ބިންތަކުން އެކަނި ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށް ނުދެވޭނެ ކަމަށެވެ.

އެޗްޑީސީގެ ބިންތައް މަދުވެފައިވަނީ ކުރީގެ ޕްލޭން ބަދަލުކޮށް 2000 އަށްވުރެ ގިނަ ގޯތި ދޫކޮށްފައިވާތީ ކަމަށް ވެސް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެން ހަދާ ކޮންމެ ތަނަކީ އެޗްޑީސީގެ ބިމެއްގައި ހަދާ ތަނަކަށް ވާން ނުޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން އެބަޖެހޭ ރައްޔިތުންނަށް ދޫކޮށްފައިވާ ބިންތަކުގައި ވިޔަފާރީގެ އުސޫލުން ތަރައްގީކޮށްގެން އެ ބިންތަކުން ފައިދާ ހޯދާ މި ތަނުގައި އުޅޭ ރައްޔިތުންނަށް ހިދުމަތް ލިބޭނެ މަގު ވެސް ތަނަވަސްކޮށްދޭން" ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ގޯތިތަކަކީ މިހާރު "ވަރަށް ބޮޑަށް ތަޅުއެޅުވިފައި ހުރި ބިންތަކެއް" ކަމަށާއި ހަމައެކަނި ދިރިއުޅުމަށް ވަކި ގޮތަކަށް ހުއްދަ ދެވެނީ ކަމަށް ވެސް ވިދާޅުވިއެވެ.

ސަރުކާރުގެ ވިސްނުމަކީ އަމިއްލަ ފަރާތްތަކުގެ ބިންތަކުގައި ކުރާ އިންވެސްޓްމެންޓްތަކުން ހުޅުމާލޭ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތް ލިބޭނެ ގޮތް ހެދުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ޕްރީސްކޫލާއި ކްލިނިކްތަކާއި ޝޮޕިން ކޮންޕްލެކްސްތައް މިސާލެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

މާލޭގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބިންތައް ވެސް ވިޔަފާރި ފަދަ ހުރިހާ ކަމަކަށް ބޭނުންކުރެވޭ ކަމަށާއި ހުޅުމާލޭގައި ވެސް އެ ފުރުސަތު ރައްޔިތުންނަށް ލިބެންޖެހޭ ކަމަށް ވިދާޅުވިއެވެ. އެގޮތަށް ހެދުމުން ހުޅުމާލޭގެ އިޤުތިޞާދު ފުޅާވެ ވަޒީފާ އާއި ވިޔަފާރިތައް އުފެދި ޚިދުމަތްތައް ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 2 އާއި 3 އަދި ގުޅީފަޅާއި ގިރާވަރު ފަޅުން ގޯތި ދޫކޮށްފައިވަނީ ހަމައެކަނި ދިރިއުޅުމުގެ ބޭނުމަށެވެ. ވިޔަފާރި އުސޫލުން އެ ބިންތައް ބޭނުން ނުކުރެވޭނެ ކަމަށް ޝަރުތުކޮށްފައި ވެސް އޮތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް