އުމުރުން އެންމެ ދެ އަހަރު ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއް އަނެއްކާވެސް ފެންމަތި ވެއްޖެ އެވެ.
ފުލުހުން ބުނީ މި މައްސަލަ ހުށަހެޅި މިމަހުގެ27 ވަނަ ދުވަހު ނޯތް ސެންޓްރަލް ޕޮލިސް ޑިވިޝަނަށް ކަމަށެވެ. އެ ހާދިސާ ހިނގާފައިވަނީ ކ، އއ، އދ، އަދި ވ އަތޮޅު ހިމެނޭ ރަށެއްގައި އެވެ.
ފުލުހުން ބުނީ މި މައްސަލައިގަ މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އެ ހާދިސާގައި އަނިޔާ ލިބިފައިވާ ކުއްޖާގެ ޖިންސެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ މި މައްސަލަ ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
މިދިޔަ ޖެނުއަރީ މަހު މުޅި ރާއްޖެ ސިއްސުވާލީ ދެ އަހަރު ނުވާ ކުޑަ އަންހެން ކުއްޖަކަށް ގއ. ކަނޑުހުޅުދޫގައި ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވުމުންނެވެ. އެކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ބައްޕަ ފަރާތު ކާފަ އާއި މުނިކާފަ ވަނީ ހައްޔަރުކޮށްފައި އެވެ.
އެ ދެމީހުންގެ މައްޗަށް ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ ދައުވާ ކްރިމިނަލް ކޯޓުގައި އުފުލާފައިވާއިރު ކުއްޖާގެ މައިންބަފައިގެން މައްޗަށް ވަނީ އެކުއްޖާއަށް ޖިންސީ އަނިޔާ ލިބޭކަން އެނގިތިބެ އެކަން ކަމާ ބެހޭ ފަރާތްތަކަށް ނޭންގުމުން އިހުމާލުވި ކަމުގެ ދައުވާ އުފުލާފައި އެވެ.
އެ ކުއްޖާގެ ބައްޕަ މި މައްސަލައިގަ ހައްޔަރު ކުރުމަށް ފަހު ތަހުގީގު ނިމުމުން ވަނީ ދޫކޮށްލާފައި އެވެ. އެ ދެމަފިރިންނަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ ދެމީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް