ގައުމީ މަސްލަހަތާއި ދާއިރާގެ މަސްލަހަތަށް ވުރެ އިސްކުރަންޖެހޭ އަމިއްލަ މަސްލަހަތެއް ނެތް ކަމަށާއި؛ އިންތިޚާބުގައި ވާދަ ކުރައްވަނީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދަދިނުމުގެ މަގްޞަދުގައި ނޫން ކަމަށް ކަނޑިތީމު ދާއިރާގެ 1 ނަންބަރު ކެނޑިޑޭޓް ފަޔާޒް ޔޫސުފް ވިދާޅުވެއްޖެއެވެ.
ދުވަސް އޮންލައިން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފަޔާޒް ވިދާޅުވީ އާރާއި ބާރުގައި ޒިންމާދާރު މަގާމުތަކެއް ފުރުއްވި އިރު އިސްނުކުރި އަމިއްލަ މަސްލަހަތެއް ދެންވެސް އިސްނުކުރައްވާނޭ ކަމަށެވެ. " އަޅުގަނޑު މަޖިލީހުގެ ގޮނޑިއަކަށް ކުރިމަތި ލައިގެން މިއުޅެނީ ވަންނާނެ ގެދޮރެއް ނެތިގެން ނޫން، ހިމާޔަތް ކުރަންޖެހޭ ވިޔަފާރިއެއް ނެތް، ނާޖާއިޒު ފައިދާ އެއް ހޯދަދޭންޖެހޭ ސިޔާސީ ފަރާތެއް ނެތް، އިންތިޚާބުގައި ވާދަ ކުރަން ނަގާފައިވާ ލޯނެއް ނޯންނާނެ " ފަޔާޒް ވިދާޅުވީ މިހެންނެވެ.
ފަޔާޒް އިތުރަށް ވިދާޅުވީ މަޖިލީހުގެ ކަނޑިތީމު ދާއިރާ އަށް ފަޔާޒް ވާދަ ކުރައްވަނީ 30 އަހަރު އެދާއިރާ އަށް އިންތިޚާބުވި މެންބަރު ބޮޑެތި އިޙްމާލުވުން ތަކެއް ވުމުގެ ނަތީޖާ އެއްގެ ގޮތުން ކަމަށެވެ. އަދި ދާއިރާގެ އެއްވެސް ރަށަކަށް އަސާސީ ޙައްގުތައްވެސް ކަށަވަރު ކުރެވިފައި ނުވުމާއި ދާއިރާގެ ހައްގުގައި ބަސް ނުބުނާ ތަނުގައި؛ ދާއިރާގެ ރަށްތަކަށް ބޭނުންވެފައިވާ ކަންކަން ހާސިލް ކޮށްދިނުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި އަމިއްލަ ނަމުގައި ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދަދީ ކުށެއްނެތް ރައްޔިތުން ތަކެއް ފަޞީހަތް ކުރަމުން ގެންދާތީއެވެ.
" އިޖްތިމާއީ ބޮޑެތި މައްސަލަތަށް ހުރި ކަނޑިތީމު ދާއިރާގެ ތައުލީމީ ހާލަތު އާބާދީ އެންމެ ބޮޑު ރަށުން އެހުރީ ފެންނަން، އަޅުގަނޑު ތައުލީމް ހާސިލް ކުރަން ދިޔައިން ކަނޑިތީމަށް، އޭރު އޭލެވެލް ފެންވަރަށް ކިޔަވަދޭ ސްކޫލެއް އެއީ، މިހާރު އޭލެވެލް ފެންވަރަށް ކިޔަވަ ނުދެވޭ ތަނުގައި އެއް ދަންފަޅިއަށް ކިޔަވަދޭން އިތުރު ކްލާސް ރޫމްތައް ބޭނުންވެސްވޭ، ދަތި ދުވަސްވީ މަދަރުސާއެއް އެދަނީ ދުވަހެއް ދުވަހަކަށް ދަށަށް، ކީތްވެތޯ ގައުމީ ޔުނިވާސިޓީގެ ކެންޕަސް ތައް މި ދާއިރާގައި ނޭޅުނީ؟ ކީތްވެތޯ ތައުލީމަށް އިސްކަން ނުދެއްވީ ؟ ހުރިހައި ވެސް މައްސަލަ އަކީ ދާއިރާގެ މެމްބަރު އަމިއްލަ މަސްލަހަތު އިސްކުރުން " މީގެ ކުރިން ތައުލީމީ ދާއިރާގައި ވެސް މަސައްކަތް ކޮށްފައިވާ ފަޔާޒް އަސަރާއި އެކު ވިދާޅުވީ މިހެންނެވެ.
މަދު ފައިސާ ފޮއްޗެއްގެ ދަޅަ ދައްކައިގެން ބަޔަކު އަޅުވެތިކޮށް ހިންގާ ޖަރީމާތައް ކުށްވެރި ކުރަމުން ފަޔާޒް އިތުރަށް ވިދާޅުވީ ދައިރާއަށް އުފާފާގަތި މުސްތަގްބަލަކަށް އެދޭނަމަ މިފަހަރު ފަޔާޒް އިންތިޚާބު ކޮށްދެއްވުން އެދޭކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް