ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ ބިދޭސީއަކާއެކު ދިވެހި އަންހެނަކާއި ދިވެހި ދެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި މި އޮޕަރޭޝަނަކީ މައްޗަންގޮޅި ގެއަކަށް ގެންދާ ފޮށިތަކެއްގައި މަސްތުވާތަކެތި ހުރިކަމުގެ މައުލޫމާތު ލިބިގެން މި މަހުގެ 27ގައި ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
މި އޮޕަރޭޝަނުގައި މައްޗަންގޮޅި ގެއެއްގެ ގްރައުންޑް ފްލޯ ބަލައިފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ ބިދޭސީއަކާއި ދިވެހި ތިން މީހަކު ހައްޔަރުކޮށްފައިވާކަމަށް ބުނެފައިވެއެވެ.
"ބިދޭސީންގެ ތެރޭގައި ހިމެނެނީ 26 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 42 އަހަރުގެ އިންޑިއާ ފިރިހެނެއް، މީގެ އިތުރުން 28 އަހަރުގެ ދިވެހި ފިރިހެނަކާއި 36 އަހަރުގެ ދިވެހި ފިރިހެނަކާއި 49 އަހަރުގެ ދިވެހި އަންހެނެއް މި މައްސަލައިގަ ހައްޔަރުކޮށްފައިވޭ" ފުލުހުން ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ މި މައްސަލައިގާ ހައްޔަރުކޮށްފައިވާ ފަސް މީހުންނަށް ކޮންމެ މީހަަކށް 15 ދުވަސް ބަންދުގެ މުއްދަތު ކޯޓުން ވަނީ ދީފައި ކަމަށެވެ.
އަތުލައިގެންފައިވަނީ ކިހާ އަދަދެއްގެ މަސްތުވާތަކެތި ކަމެއް، އަދި އެއީ ކޮން ބާވަތެއްގެ މަސްތުވާތަކެތި ކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ. ނަމަވެސް ފުލުހުން ފޮނުވާފައިވާ ފޮޓޯތަކަށް ބަލާއިރު އެއީ ޚަޝިޝް އޮއިލް ކަމުގައި ބެލެވެއެވެ. އަދި އެތަކެތި ފެނިފައި އެވަނީ ޓިޝޫ ފޮށިތަކެއްގެ ތެރޭގައި ނޭނގޭގޮތަށް ބަންދުކޮށްފައިވަނިކޮށް ކަމުގައިވެސް ފޮޓޯތަކުން ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް