ދުބާއީގައި އުޅުމަށްފަހު ދުބާއީއިން ޑީޕޯޓް ކޮށްލުމުން ރާއްޖެ އަންނަން އުޅުނު ނުރައްކާތެރި ކުށްވެރިންތަކެއް ލަންކާގެ ސީއައިޑީން ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައިވަނީ ހަތަރު ކުށްވެރިއެކެވެ. އެއީ ވަރަށް ނުރައްކާތެރި ހަތަރު ކުށްވެރިން ކަމުގައި ބުނެފައިވެއެވެ. އެ ހަތަރު މީހުންނަކީ މުހައްމަދު ނަޖީމް މުހައްމަދު އިމްރާން ނަމަކަށް ކިޔާ މީހަކާއި ތުމްބެޑޫރާ ހެވާ އަނުޝްކާ ނަމަކަށް ކިޔާ މީހަކާއި އަމިލާ ސަމްޕަތު ސެޕާލާ ރަތުނަޔަކަ ކިޔާ މީހަކާއި އެންޑަސަން ފަނާންޑެޒް ނަމަކަށް ކިޔާ މީހެކެވެ.
މީގެ ތެރެއިން މުހައްމަދު ނަޖީމް މުހައްމަދު އިމްރާނުގެ ވަނަމަކަށް ކިޔަނީ ކަންޖީޕާނީ އިމްރާނެވެ. ތުމްބެޑޫރާ ހެވާ އަނުޝްކާ ކޯޝާލްގެ ވަނަމަކަށް ކިޔަނީ ޖަންގާ އެވެ.
ލަންކާގެ ނޫހެއް ކަމުގައިވާ ޑެއިލީ ނިއުސް އިން ބުނެފައިވާގޮތުގައި މި މީހުން ހައްޔަރުކޯށްފައިވަނީ ދުބާއީ ޑީޕޯޓް ކޮށްލުމުން ލަންކާއަށް އައުމަށްފަހު އެއާޕޯޓުން ރާއްޖެއަށް ފުރަން އުޅެނިކޮށެވެ.
ބުނެފައިވާގޮތުފައި ޖަންގާ އަކީ ލަންކާގެ އަންޑަވޯލްޑް ޑޮން އެއް ކަމަށްވާ މަކަންދުރޭ މަދޫޝްގެ ވަރަށް އަރިސް މީހެކެވެ. މަކަންދުރޭ މިހާރު ހުރީ ދުބާއީ ޖަލުގައެވެ. ލަންކާ ފުލުހުން ޖަންގާ ހޯދަމުން އަންނަނީ 2000 ވަނަ އަހަރުގެ ނޮވެމްބަރުގައި ވަޅިން ހަމަލާދީ މީހަކު މަރާލި މައްސަލައެއްގައެވެ. އަދި 2011 ގައި އަތުބޮމެއް ގެންގުޅުނު މައްސަލައެއްގައިވެސް އޭނާ ހޯދަން އިއުލާނުކޮށްފައިވެއެވެ.
ޖަންގާ ދުބާއީއަށް ދިޔައީ މިދިޔަ ފެބްރުއަރީ ތިނެއްގައި ކަމަށް ބުނެފައިވެއެވެ. އަދި އޭނާގެ އަތުގައި ދުބާއީ ވިސާއެއް އޮންނަ ކަމަށްވެސް ބުނެފައިވެއެވެ.
އަމިލަ ސަމްޕަތު ސެޕާލާ ރަތުނަޔަކަ ހޯދަމުން އަންނަނީ ވައްކަމަކާއި މީހަކު މެރުމުގެ ކުށެއްގައި ކަމަށް ބުނެފައިވެއެވެ. އަދި އޭނާގެ އަތުގައިވެސް ދުބާއީ ވިސާ އޮންނަ ކަމަށާއި ދުބާއީގައި ގެއެއް ހުންނަ ކަމަށްވެސް ބުނެފައިވެއެވެ. އަދި ދުބާއީގައި ހުރެގެން ލަންކާގައި ޑްރަގް ނެޓްވޯކެއް އޮޕަރޭޓް ކުރާކަމަށްވެސް ބުނެފައިވެއެވެ.
އިމްރާން ހޯދަމުން އަންނަނީ 2018ގައި ދެމީހަކު މަރާފައިވާ މައްސަލައެއްގައެވެ. މީގެ އިތުރުން އިތުރު ތިން މީހަކު މަރާފައިވާކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެއެވެ.
ރިޕޯޓްކޮށްފައިވާގޮތުގައި ދުބާއީން އަންނަނީ، ލަންކާއަށް ނިސްބަތްވާ މިފަދަ އިތުރު ކުށްވެރިންތަކެއް ޑީޕޯޓް ކުރުމަށް ތައްޔާރުވަމުންނެވެ. އަދި އެ ކުށްވެރިން ލަންކާއަށް އައުމާއެކު ހައްޔަރު ކުރާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް