ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން، ސަރުކާރު ކޯލީޝަންގައި ހިމެނޭ ފަރާތްތަކުގެ ކެނޑިޑޭޓުން، މީ ސަރުކާރު ކެނޑިޑޭޓޭ ބުނުމުގެ ފުރުސަތު އޮންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ މިހާރު ނޫހަށް ދެއްވާފައިވާ ހާއްސަ އިންޓަވިއުއެއްގައެވެ.
އެ އިންޓަވިއުގައި، މިހާރުގެ ނޫސްވެރިޔާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ ކޯލީޝަންގައި ޖޭޕީ، އަދާލަތު އަދި ރައީސް މައުމޫންގެ އިތުރުން އެމްޑީޕީ ހިމެނޭ ކަމަށާއި އެހެންކަމުން އެއިން ކޮންމެ ޕާޓީއެއްގެ ކެނޑިޑޭޓަށްވެސް ސަރުކާރު ކެނޑިޑޭޓޭ ބުނެވޭނެ ކަމަށެވެ.
"މިސާލަކަށް ވައިކަރަދޫ ދާއިރާ، އެމްޑީޕީ ކެނޑިޑޭޓެއް އެބަހުރި އަދާލަތު ކެނޑިޑޭޓެއް އެބަހުރި، މިއީ މުޅިންވެސް ސަރުކާރުގެ ކޯލީޝަނަށް ނިސްބަތްވާ ޕާޓީތަކުގެ ކެނޑިޑޭޓުން، މިއިން ކޮންމެ ބޭފުޅަކަށް ވިދާޅުވެވޭނެ ތިމަންނަ މީ ސަރުކާރު ކެނޑިޑޭޓޭ، ކޯލީޝަން އޮންނަހާ ހިނދަކު" މިހާރަށް ދެއްވި އިންޓަވިއުގައި ރައީސް ސޯލިހް ވިދާޅުވެފައިވެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުފައިވާއިރު މީ ސަރުކާރު ކެނޑިޑޭޓޭ ބުނުމުގެ ފުރުސަތު ހަމަ އެކަނި އޮންނާނީ އެމްޑީޕީ ކެނޑިޑޭޓަށް ކަމުގައި ބައެއް ފަރާތްތަކުން ބުނެއެވެ. އަދި އެކަން އެގޮތަށް ވަނީ ރައީސް ސޯލިހް ތާއީދުކުރައްވަނީ ހަމައެކަނި އެމްޑީޕީގެ ކެނޑިޑޭޓުންނަށް ކަމަށްވާތީ ކަމުގައި ބުނެއެވެ. ނަމަވެސް ރައީސް ސޯލިހް މިހެން ވިދާޅުވުމާއެކު މި ކަން މިވަނީ ސާފުވެގެން ގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް