ވީމީޑިއާގެ ޖޫރިމަނާ ފައިސާ ދަންޖެހޭ މުއްދަތު ހަމަ ނުވެގެން އުޅެނިކޮށް ސަންގު ޓީވީ 100،000 ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު އެ ސްޓޭޝަނަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ސަންގު ޓީވީ ޖޫރިމަނާ ކުރީ އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމުގެ ދަށުން ރައީސް އަބްދުﷲ ޔާމީންގެ އަބުރުފުޅަށް އަރައިގެންފައިވާތީ ކަމަށެވެ. ރައީސް ޔާމީންގެ އަބުރު ފުޅަށް ހުތުރުވާ ކޮންޓެންޓެއް ބްރޯޑްކާސްޓު ކުރެވިފައި ވާކަމަށްވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ތެރޭގައި ސަންގުން ލައިވް ކުރަމުން ދިޔަ އިވެންޓެއްގައި ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ، އަވަގުރާނަ ގޮވާފައިވާ ކޮންޓެންޓެކެވެ.
އެ މައްސަލަ ބެލުމަށް ފަހު ސަންގު ޓީވީ ޖޫރިމަނާ ކުރަން ނިންމީ ކޮމިޝަނުގެ މެންބަރުންގެ އިއްތިފާގުން ކަމަށް ބުނެފައިވެ އެވެ. އަދި ޖޫރިމަނާ ފައިސާ ދައްކަން ދީފައިވަނީ އެއް މަސްދުވަހުގެ މުއްދަތެކެވެ. މީގެ އިތުރުން އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ކުރިން ލައިވްކޮށް އެކަމަށް މައާފަށް އެދުމަށްވެސް އަންގާފައިވެ އެވެ.
މިކަމާ ގުޅިގެން ސަންގު ޓީވީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދު ވިދާޅުވީ އެ ޓީވީ ޖޫރިމަނާ ކުރީ ބްރޯޑްކާސްޓަރުން މެދުވެރިކޮށް ބްރޯޑްކޮމްއިން ދައުލަތަށް އާމްދަނީ ހޯދައި ދިނުމުގެ ގޮތުން ކަމަށެވެ. އަދި ބްރޯޑްކާސްޓަރުންނަކީ ދަައުލަތަށް އާމްދަނީ ހޯދައިދޭ ބަޔަކަށް ހަދަމުންދާތީ ހިތާ ކުރައްވާ ކަމަށެވެ.
މިއީ މުސްތަވާ ދެއްކެވި ވާހަކަ އަކާއި ގުޅިގެން އަމިއްލަ ޓީވީ ސްޓޭޝަނެއް ޖޫރިމަނާ ކުރި ތިން ވަނަ ފަހަރެވެ. މީގެ ކުރިން ރާއްޖެ ޓީވީ އާއި ވީމީޑީއާ ވަނީ މުސްތަފާ ޖަލްސާއެއްގައި ދެއްކެވި ވާހަކަ އަކާއި ގުޅިގެން ޖޫރި މަނާ ކޮށްފައި އެވެ. އެންމެ ފަހުން ވީމީޑިއާ ޖޫރިމަނާ ކުރިތާ އަދި މަހެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް