ރައްޔިތުންގެ މަޖިލީހުުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުގައި ބާއްވަން ހަމަޖެއްސި އަޑު އެހުން ކެންސަލް ކޮށްފި އެވެ.
އަޑު އެހުން ތާވަލް ކޮށްފައި އޮތީ ހެނދުނު 11:00 އަށެވެ. އަޑު އެހުން ކެންސަލް ކުރި ސަބަބެއް ނޭނގެ އެވެ. ސިނާންގެ ގާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވީ އަޑު އެހުން ކެންސަލްވިކަން ވަކީލުންނަށް މިހާރު އަންގާފައި ވާ ކަމަށެވެ.
މިއީ ސިނާނުގެ ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލީސް ކެންސަލް ކުރި ދެވަނަ ފަހަރެވެ. މިދިޔަ ހަފްތާގައި ބާއްވަން ހަމަޖެއްސި އަޑު އެހުން ކެންސަލް ކުރީ ސިނާން ކޯޓަށް ހާޒިރު ކުރުމަށް ފަހު އެވެ. މުއްދަތު މަޖިލީސް ދެން އޮންނާނެ ދުވަހެއް ކޯޓުން އަދި ހާމައެއް ނުކުރެ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މިދިޔަ މަހު ހައްޔަރުކޮށް، ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ސިނާންގެ ބަންދަށް ކޯޓުން އެންމެ ފަހުން އިތުރު ކޮށްދިން 15 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވާނީ އަންނަ ހަފުތާގަ އެވެ.
ސިނާންގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފާއި މަޖިލީހުގެ ބައެއް މެމްބަރުންގެ މައްޗަށް ވެސް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް