ވަކި މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅީ ގާނޫނާއި ހިލާފަށް: އައިޕީޔޫ

ރައްޔިތުންގެ މަޖިލީހުގެ ވަކި މެންބަރުންތަކެއްގެ ގޮނޑީ ގެއްލުނު ކަމަށް ކަނޑައެޅުމަކީ ގާނޫނާއި ހިލާފަށް ނިންމާފައިވާ ނިންމުމެއް އިންޓާ ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) އިން ބުނެފި އެވެ. ސްވިޒަލޭންޑްގެ ޖ...

29 Mar 2018 | 03:55

ރައްޔިތުންގެ މަޖިލީހުގެ ވަކި މެންބަރުންތަކެއްގެ ގޮނޑީ ގެއްލުނު ކަމަށް ކަނޑައެޅުމަކީ ގާނޫނާއި ހިލާފަށް ނިންމާފައިވާ ނިންމުމެއް އިންޓާ ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) އިން ބުނެފި އެވެ.

ސްވިޒަލޭންޑްގެ ޖެނީވާގައިި އާދީއްތަ ދުވަހު ފެށި އައިޕީޔޫގެ 138 ވަނަ ޖަލްސާ ނިންމައިލުމުގެ ކުރިން އިއްޔެ ފާސްކުރި ނިންމުންތަކުގެ ތެރޭގައި ރާއްޖެއާއި ގުޅޭގޮތުން ބުނެފައިވަނީ ވެރިކަން ކުރާ ޕީޕީއެމްއިން ވަކިކޮށްގެން މަޖިލީހުގެ ގޮނޑި ގެއްލުނު މެންބަރުންނަށް ވީހާވެސް އަވަހަކަށް ޖަލްސާތަކުގައި ބައިވެރިވެވެން ޖެހޭ ކަމަށެވެ. އަދި އެ މައްސަލައިގަ ރާއްޖޭގެ ސިޔާސީ މަޝްރަހު ވަރަށް ބޮޑަށް ހޫނުވެފައިވާ ކަމަށެވެ.

އައިޕީޔޫ އިން ބުނެފައި ވަނީ 2014 ވަނަ އަހަރުން ފެށިގެން ގިނަ އަދަދެއްގެ މެމްބަރުން ޕާޓީ ބަދަލުކުރި ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައި ވަނީ، ވެރިކަންކުރާ މައި ޕާޓީ، ޕީޕީއެމް އިން ވަކިވި 12 މެމްބަރުން އެކަނި ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ޖަމާއަތުން ކަންބޮޑުވި ކަންކަމުގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލި ގޮތާއި މަޖިލީހުގެ ތަޅުމުގައި ގަދަ ބާރު ބޭނުން ކުރުމެވެ. އައިޕީޔޫ އިން ބުނީ މަޖިލީހުގެ އިދާރާއަކީ މެމްބަރުންނަށް ހުރިހާ ވަގުތެއްގައި ވެސް ވަދެނިކުމެވޭ ތަނަކަށް ހަދަން ޖެހޭ ކަމަށެވެ. އަދި މަޖިލީހުގެ އިދާރާ އަށް ވަންނަން މަސައްކަތް ކުރި މެމްބަރުންތަކަކާ މެދު ގާނޫނީ ފިޔަވަޅު އަޅާތީ ކަންބޮޑުވާ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެ މައްސަލަތައް އަނބުރާ ގެންދަން ވެސް ގޮވާލާފައިވެ އެވެ.

އެ ޖަމާއަތުގެ ވަފުދެއް މިމަހުގެ 19ން 21 އަށް ރާއްޖެ އަށް ކުރި ދަތުރާ ބެހޭ ގޮތުން އެ ރިޕޯޓުގައި ބުނެފައި ވަނީ  ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ މެންބަރުންނާއި ބައްދަލު ކުރުމުގެ ފުރުސަތު އެ ޖަމާއަތަށް ނުލިބުނު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް