އިންޑިއާއަކީ ކޮންމެ ދުވަހަކު އެތައް ބަޔަކު މަރާ، ރޭޕްކޮށް، އަމިއްލައަށް ދަންޖެހިގެން މަރުވުމުގެ ހާދިސާތައް ރިޕޯޓު ކުރާ ގައުމެކެވެ.
އެ ހާދިސާތަކުގެ މައްޗަށް އެ ގައުމުގެ ޓީވީ ޗެނަލްތަކުން އަސްލާ އެއްގޮތަށް ކުޅެ ޕްރޮގްރާމްތައް ހަދައިގެން ދައްކަ އެވެ. އެޕްރޮގްރާމް ތަކަކީ މީހުންނަށް އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން ގެނެސްދޭ ޕްރޮގްރާމްތަކެއް ނޫންކަމަށް އެމީހުން ބުނިނަމަވެސް ބައެއް ފަހަރު ކަންވަނީ އެހެންނެވެ.
ބައެއް މީހުން އެ ހާދިސާތަކުން ހިތްވަރު ލިބިގެން ނުބައި އަމަލުތައް ކުރުމުގައި ބައިވެރިވެ އެވެ. މިފަހަރުވެސް މިވީ އެކަހަލަ ގޮތެކެވެ. އެކަމަކު ތަފާތު ހިތާމަވެރި ގޮތަކަށެވެ.
އިންޑިއާގެ އުއްތްރަ ޕްރަދޭޝްގެ ހަޕޫރުގައި ދިރިއުޅުނު ކުޑަކުއްޖަކު ޓީވީ ޗެނަލަކުން ދެއްކި ކްރައިމް ޝޯއެއް ބަލައިގެން އަމިއްލައަށް މަރުވީ އުމުރުން އެންމެ އަށް އަހަރުގަ އެވެ. އެ އަންހެން ކުއްޖާ ރައްޓެއްސެއްގެ ގެއަށް ދިޔައީ މަންމަ ރުޅި އައިސްގެން އެއްޗެހި ކިޔުމުން ހިތްހަމަ ނުޖެހި ހުރެގެން ނެވެ.
ފުލުހުންނާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި އެ ކުއްޖާ އެގެއަށް ދިޔައިރު އެކުވެރިން ތިބީ ޓީވީން ދެއްކި ކްރައިމް ޝޯ ބަލާށެވެ. އަދި އެ ޝޯގައި ދެއްކި ހާދިސާގައި ކަން ހިނގި ގޮތަށް ކުޅެންވެގެން އެ ކުއްޖާ މަންމަދެކެ ރުޅި އައިސް ހުރުމުން ބާލިދީއެއްގެ މައްޗައް އަރައި ދޯޕައްޓައިން ކަރުގައި އޮޅާ ދަންޖެހުނީ އެވެ.
އެ ކުދިން ބުނެފައިވަނީ އޭނާ އެހެން ހެދީ އަމިއްލައަށް މަރުވުމުގެ ނިޔަތުގައި ނޫން ކަމަށާއި އެއީ ކުޅެންވެގެން ކުރި ކަމެއް ކަމަށެވެ. ދޯޕައްޓާއަށް ބާރުވެ އަސްލު އެ ކުއްޖާ މަރުވިކަން އެނގުމުން އެކުވެރިން ބިރުން އެއްވެސް މީހަކަށް ނުގޮވާ ނުކުމެގެން ދިޔައީ އެވެ.
ރާއްޖޭގައިވެސް ހިންދީ އާއި އިނގިރޭސި މިފަދަ ޝޯތަކަކީ މަގުބޫލު ޕްރޮގްރާމްތަކެވެ. އެހެން ކަމުން ކުޑަކުދިން މިފަދަ ޕްރޮގްރާމްތައް ބަލާއިރު ބެލެނިވެރިން ސަމާލުވާން ޖެހެ އެވެ. ނޫން ނަމަ މިފަދަ ހިތާމަވެރި ހާދިސާއެއް ހިންގުން އެކަށީގެންވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް