އޭޕްރީލް ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ޕީޕީއެމްގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް މާލޭގެ ކާނިވާ ސަރަހައްދުގައި، އެތައް ހާސް ސަޕޯޓަރުންތަކަކާ އެކު ބޭއްވި ބިޔަ ޖަލްސާފެނި ރައީސް އަބްދުﷲ ޔާމީން މި މަންޒަރު ބަލަން އޮންނަވާއިރު، އެ މަނިކުފާނުގެ ލޮލުން ކަރުނަފޮދު އޮހޮރިގެން ދާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވިދާޅުވެއްޖެ އެވެ.
މި ގައުމުގެ ހާލަތު އޮތް ގޮތާއި މި ހާލަތު ބަދަލުކުރަން ދިވެހި ރައްޔިތުންގެ ހުރި ވަރުގަދަ ފޯރި އާއި ޖޯޝް އެ މަނިކުފާނަށް ފެނިވަޑައިގަތީމާ، މި މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު އެ މަނިކުފާނަށް ނެތަތީވެ، އެކަމުގެ ހިތްދަތިކަމުގައި އެ މަނިކުފާނުގެ ލޯފުޅުން ކަރުނަ ފާއްދާލާނެ ކަން އެއީ ޔަގީން ކަމެއްކަމަށް ޔާމީނާ ގުޅޭ ގޮތުން އަދުރޭ ވިދާޅުވި އެވެ.
އަދުރޭ އިތުރަށް ވިދާޅުވީ 2018 ވަނަ އަހަރު ވެރިކަން ބަދަލުކުރީ ވަރަށް ފޮނި އުންމީދުތަކަކާއި އެއްކޮށް ކަމަށެވެ. އޭރު އިދިކޮޅު އެމްޑީޕީ އިން، ރައްޔިތުންނަށް ވަރަށް ގިނަ ހުވަފެންތަކެއް ދެއްކިކަމަށާއި، އެހެން ނަމަވެސް އެބޭފުޅުން ވެރިކަމަށް ވަޑައިގެން އެއް އަހަރާ އެތައް ދުވަހެއް ވެގެން ދިޔަ އިރު، އެ ހުވަފެންތައް ހަޤީޤަތަކަށްނުވާކަމަށެވެ.
އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ރާއްޖޭގެ އިގުތިސާދީ ހާލަތު މިހެން އޮތް އިރު، ގައުމިއްޔަތު ވެސް ގެއްލި، ސިޔާދަތީ ބާރުވެސް ދަނީ ކެނޑެމުންނެވެ. އެހެންވީމާ، ވެރިކަމަށް ބަދަލެއް އަންނަން ޖެހޭ ކަމަށާއި އެކަމަށް ލިބޭ ފުރުސަތަކީ މި ފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.
ހުރިހާ ކަމަކަށް ވުރެ ބިރުބޮޑު އަނެއް ކަމަކީ މި ގައުމުގައި މާތްވެގެންވާ އިސްލާމްދީން ފިޔަވައި އެހެން ދީންތަކަށް ޖާގަ ހޯދައިދިނުމުގެ މަސައްކަތްތަކެއް ތިލަވަމުން އަންނަ ތަން މިއަދު ފެނަކަމަށާއި، ދިވެހިރާއްޖެ އަށް ބޭރުގެ ދީނީ އިލްމުވެރިން ގެނައުމަށް ހުރަސްއަޅަމުން ދާއިރު، ލާދީނީ މީހުން ރާއްޖެ އައިސް އިސްލާމްދީނާ ބީރައްޓެހި ފިކުރު އާންމުކުރުމުގެ ވޯކްޝޮޕްތަކާއި ސެމިނާތައް ހިންގުމަށް ޖާގަ ފަހިވެގެން ދާކަމަށް އޭނާ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ މި ފަހަރު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ޕީޕީއެމުން ނުކުމެ މިތިބީ ރައީސް ޔާމީންގެ ލަފާފުޅާއި އިރުޝާދާ އެކީގައި، މި ދިވެހި ގައުމު މިނިވަންކަމާއި އަމާންކަމާ އެކީގައި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މަތިވެރި، ވަރުގަދަ އަޒުމުގައިކަމަށާއި، މި އަޒުމާއި މި ސާބިތުމާ އެކީ އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުން ލިބިގެންދާ ހިތްވަރަކީ ކާނިވާ ސަރަހައްދު ފުރާލައި، މިތާނގައި ކޮޅަށް ތިޔަ ތިއްބެވި ތިއްބެވުންކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް