ގޮނޑިތައް ފުރާލައި ސަޕޯޓަރުން ޕީޕީއެމްގެ ލީޑާޝިޕް ހައިރާން ކޮށްލައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ރޭ އިދިކޮޅު ޕީޕީއެމްއިން ބޭއްވި "މީ މަގޭ ރާއްޖެ" ޖަލްސާއަށް ބޮޑު ތަރުހީބެއް ލިބި ޕީޕީއެމްއާއި ޕީއެންސީގެ ލީޑާޝިޕްގަ ތިބި ބޭފުޅުން ހަ...

29 Feb 2020 | 02:29

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ރޭ އިދިކޮޅު ޕީޕީއެމްއިން ބޭއްވި "މީ މަގޭ ރާއްޖެ" ޖަލްސާއަށް ބޮޑު ތަރުހީބެއް ލިބި ޕީޕީއެމްއާއި ޕީއެންސީގެ ލީޑާޝިޕްގަ ތިބި ބޭފުޅުން ހައިރާންވެވަޑައިގެންފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފަހުން ޕީޕީއެމްއިން މާލޭގައި ބޭއްވި ބައެއް ޖަލްސާތަކަކީ100 މީހުން ހަމަ ނުވާ ނުވަތަ ކަންމަތީ ބައްދަލުވުންތަކެކޭވެސް ބުނެވި ދާނެ އެވެ. އެހެންވެ ޕީޕީއެމް އާއި ޕީއެންސީގެ ލީޑާޝިޕުން ރެއާ ހަމައަށް ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުމުގެ ނަމުގައި ލީޑަރުން ޕޯޑިއަމްއަށް އަރާ ވާހަކަ ދައްކާ ޖަލްސާތައް ބޭއްވީ ޕީޕީއެމް އޮފީހުގައި އެވެ.

އެކަމަކު ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއަށް ގިނަ ބަޔަކު އެއްވެ މުޅި ކާނިވާ ސަަހައްދު ވަނީ ފުރާލާފައި އެވެ. އެއްވެސް ހުސް ގޮނޑިއެއް ނެތެވެ. ކޮޅަށްވެސް އެތައް ބަޔަކު ތިއްބެވެ.

ރޭގެ ޖަލްސާ އަށް ގިނަ ބަޔަކު ހާޒިރުވުމުން، މިއީ ރާއްޖޭގެ ސިޔާސީ މަސްރަހަށް އައި ބޮޑު ބަދަލެކެވެ

ވެރިކަން ކުރާ ޕާޓީ އެމްޑީޕީގެ ސަޕޯޓަރުންނާއި އަޅާ ކިޔާވަރުގެ ތާއީދެއް މާލޭގައި ޕީޕީއެމްއަކު ނޯވެ އެވެ. އެހެންވެ ޖަލްސާ ބޭއްވި ރަށްރަށުން މީހުން ގެނެސްގެންނެވެ. ޖަލްސާގައި ވާހަކަދެއްކެވި ބޭފުޅުންގެ ތެރޭގައި އަތޮޅު ތެރޭގެ އެކި ދާއިރާތަކަށް ޕީޕީއެމް ޓިކެޓުގައި ވާދަ ކުރައްވާ ކެންޑިޑޭޓުން ހިމެނެ އެވެ

އަތޮޅު ތެރޭން މީހުން ގެނެސްގެންވެސް މިވަރުގެ ޖަލްސާއެއް އިދިކޮޅު ޕާޓީއަށް ބޭއްވިދާނެ ކަމުގެ އުންމީދެއް ރެއާ ހަމައަށް އެ ޕާޓީން ނުކުރެ އެވެ. އެއީ ޖަލްސާ ބާއްވާނެ ކަން އިއުލާނު ކުރި ފަހުން ކޮރޯނާ ވައިރަސް އާ ގުޅިގެން މީހުން އެއްތަނަކަށް އެއްވެ ނޫޅުމަށް އިލްތިމާސް ކުރުމުން ޕީޕީއެމްއިން އެކަންވެސް މި ޖަލްސާ އާއި ގުޅުވައި އެއީ މީހުން އަތުވެދާނެތީ ކުރި އިއުލާނެއް ކަމަށް ބުނެފަވެ އެވެ.

ރޭ ޖަލްސާގައި ބައިވެރިވި ހުރިހާ އެންމެންް ތިބީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ކަރުދާސްތައް ހިފައިގެންނެވެ. ޔާމީން ހުންނެވީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަން މާފުށީ ޖަލުގައި އެވެ.

އިދިކޮޅު ޖަލްސާއަށް މިހާ ގިނަ ބަޔަކު ޖަމާވެފައި މިވަނީ ކައުންސިލް އިންތިހާބުގެ ކެމްޕެއިން ފެށުމަށް އެމްޑީޕީން ބޭއްވި "ރަށްވެހި ފަތިސް" ޖަލްސާއަށް މަދު ބަޔަކު ގޮސް، ގޮނޑިތައް ހުސްކޮށް ހުރި ފޮޓޯތަކާއި އެކު ގިނަ ބައެއްގެ ފާޑުކިޔުންތައް އެމްޑީޕީއަށް އަމާޒުވެފައި ވަނިކޮށެވެ. އަދި ޕާޓީގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މާލޭ ރައްޔިތުންގެ ބޭނުންތަކާއި ގާތަށްވެސް މި ސަރުކާރަށް ކަންތައްތަކެއް ނުކޮށްދެވޭކަން ގަބޫލު ކުރާ ކަމަށާއި ޖަލްސާއަށް މީހުން ނުދިޔައީ އެހެންވެ ކަމަށް ވިދާޅުވެފައި އެވެ.

ރޭގެ ޖަލްސާއާއި ގުޅިގެން ގިނަ ބަޔަކު ދަނީ އެމްޑީޕީއަށް ފާޑު ކިޔަމުންނެވެ. އެގޮތުން ހެޔޮވެރިކަމެއް ކުރުމުން ދުރުވާނަމަ އެ ވެރިކަމަކަށް ރައްޔިތުން ތާއީދު ނުކުރާނެކަން މާޒީން ދައްކައިދީފައިވާ ކަމަށް ބުނެފަވެ އެވެ. އަދި އިސްލާމް ދީނާއި ދެކޮޅު ބައެއް ނިންމުންތަކަކީ ރޭގައި އެމްޑީޕީ އާއި ދިކޮޅަށް މީހުން އެއްވެފައިވާ މައިގަނޑު ސަބަބު ކަމަށް ބުނެފަވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް