ކޮރޯނާގެ ނުރައްކާ ރާއްޖެއަށް ބޮޑު، ފަރުވާ ދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލް ހުރީ ތައްޔާރު ކުރެވިފަ

ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން އިތުރުވެއްޖެ ހާލަތެއްގައި ފަރުވާ ދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލުގެ11 ބުރި ސަރުކާރުން ހަމަޖައްސައިފި އެވެ. ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ އެ ހޮސްޕިޓަލުގެ11 ބ...

29 Jan 2020 | 13:37

ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން އިތުރުވެއްޖެ ހާލަތެއްގައި ފަރުވާ ދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލުގެ11 ބުރި ސަރުކާރުން ހަމަޖައްސައިފި އެވެ.

ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ އެ ހޮސްޕިޓަލުގެ11 ބުރީގައި އެއް ފަހަރާ ހަތަރު މީހުންނަށް ފަރުވާ ދެވޭނެ އައިސީޔޫއެއް މިހާރު ގާއިމްކޮށްފައިވާ ކަމަށެވެ. އެއީ ބަލިޖެހިގެން ސީރިއަސް ވާ މީހުންނަށް ފަރުވާ ދިނުމަށެވެ.

ރާއްޖެއަށް ބަލީގެ ނުރައްކާތެރިކަން ހުރި މިންވަރު ދެނެގަންފައިވާއިރު ރާއްޖެ ހިމެނެނީ އެ ބަލި ފެތުރުމުގެ ނުރައްކާ ބޮޑު ގައުމުގެ ތެރޭގަ އެވެ. ބަލި ފުރަތަމަ ފެނުނު ޗައިނާ އަކީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. އެކަމަކު އަދި ޗައިނާ ފަތުރުވެރިން ރާއްޖެ އަކުން މަނާ ކުރާ ހިސާބަށް ނުދާ ކަމަށް ރޭ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.

ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް ސަރުކާރުން އަޅާފައިވާ ބައެއް ފިޔަވަޅުތައް:

- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ތާމަލް ކެމެރާ ބަހައްޓައިގެން ސްކްްރީން ކުރުން

- އިތުރު ކެމެރާތައް ހޯދުމުގެ މަސައްކަތް އެސްޓީއޯއާ އެކު އަންނަނީ ކުރަމުން.

- ކޮރޯނާ ވައިރަސް އަށް ހާއްސަ އައިސޮލޭޝަން ފެސިލިޓީއެއް ހުޅުމާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ތައްޔާރުކޮށްފައި.

- ބައްޔަށް ޝައްކުކުރެވޭ މީހުން އުފުލަން ތިން އެމްބިއުލެންސް ވަނީ ހަމަޖައްސާފައި.

- ކޮރޯނާ ވައިރަސްގެ ހޮޓްލައިންގެ ގޮތުގައި 7377004 ވަނީ އާއްމުކޮށްފައި. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 28 ކޯލަކަށް ޖަވާބުދީފައިވޭ.

- ގުޅުން ހުރި އިދާރާތަކުގެ މުވައްޒަފުންނަށް ވަނީ ތަމްރީން ޕްރޮގްރާމް ހންގާފައި.

ބައްޔަށް ޝައްކު ކުރެވޭ މީހުން އުފުލުމަށް ބޭނުން ކުރާ އެމްބިއުލާންސް ތަކުގެ ތެރެއިން އެއް އެމްބިއުލެންސް އައިޖީއެމްއެޗްުގައި އަދި އަނެއް އެމްބިއުލެންސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އޮންނާނެ އެވެ. ތިންވަނަ އެމްބިއުލެންސެއް އޮންނާނީ ހުޅުމާލޭގަ އެވެ.

އަވައްޓެރި ބައެއް ގައުމުތައް ކަމަށްވާ އަދި ވަރަށް ގިނައިން ދިވެހިން ގޮސް އުޅޭ ލަންކާ ފަދަ ގައުމުތަކުން ކޮރޯނާ ވައިރަސް ޖެހިފައިވާ މީހުން ވަނީ ފެނިފަ އެވެ.

މިހާތަނަށް މި ބަލީގައި132 މީހަކު މަރުވެފައިވެ އެވެ. އެއީ ހުސް ޗައިނާ މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް