ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުހައްމަދު ނާޒިމް ސިޔާސީ ޕާޓީއެއް އުފައްދަން ކުރި މަސައްކަތް ނާކާމިޔާބުވި ކަމަށް ބުނެ މީޑިއާގައި ޖަހާފައިވާ ހަބަރު އެ ދެބޭފުޅުން ދޮގުކޮށްފި އެވެ.
ރިޔާޒު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފައްދަން އުޅުނު ކަމަށް ބުނެ ލިޔެފައިވަނީ އޭނާގެ އެއްވެސް ބަހެއް ނެތި ދޮގު ވާހަކައެއް ކަމަށެވެ. ރިޔާޒު ވިދާޅުވީ މިހާރުވެސް އޭނާ ހުންނެވީ ރާއްޔިތުން ގާތަށް ގޮސް ދެ ފަހަރު ހޯދި ކާމިޔާބީ އާއި އެކު އެ ހިދުމަތުގައި ކަމަށެވެ.
https://twitter.com/riyazabdulla/status/1222229332522782720
ކާނަލް ނާޒިމް ވިދާޅުވެފައިވަނީ އެ ހަބަރަކީ ދޮގު މައުލޫމާތު ހިމެނޭ ހަބަރެއް ކަމަށެވެ. މިހާރު ހުންނެވީ އިންތިހާބީ މަގާމެއްގައި ކަމަށާއި އެއީ ރައްޔިތުންގެ ގާތަށް ގޮސް އެ ރައްޔިތުންގެ ތާއީދާއި އެކު ލިބިފައިވާ މަގާމެއް ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތް ކޮށްފި ނަމަ އެކަންވެސް ކާމިޔާބު ކުރައްވާނެ ކަމަށެވެ.
https://twitter.com/nazim7878/status/1222375770594500608
މީޑިއާގައި ލިޔެފައިވާ ރިޕޯޓުގައި ބުނެފައިވަނީ ކުރީގެ ބަންޑާރަ ނާއިބު ޑރ. މުޙައްމަދު މުނައްވަރާއި ޕްރޮފެސަރު ހަސަން އުގައިލާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އަދި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރުގެ އެއްބާރުލުން ހޯދުމަށް ރިޔާޒާއި ނާޒިމް މަސައްކަތް ކުރެއްވި ކަމަށެވެ. މަޖިލީހުގެ މެންބަރުންގެ ތެރެއިން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ގެ އިތުރުން ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމާއި އިތުރު މެންބަރުންގެ ތާއީދު ވެސް ހޯދުމަށް މަސައްކަތް ކޮށްފައި ވާކަމަށެވެ.
މީގެ އިތުރުން އެ ރިޕޯޓުގައި ބުނެފައިވަނީ ސިޔާސީ ޕާޓީ އުފެއްދުމުގެ މަސައްކަތަށް ކާނަލް ނާޒިމް އަދި އަބްދުﷲ ރިޔާޒު ވަނީ ފައިސާގެ އެހީތެރިކަން ހޯދުމުގެ ގޮތުން ރާއްޖޭގެ ގިނަ ވިޔަފާރިވެރިންގެ އެހީތެރިކަން ހޯދުމަށް މަސައްކަތް ކޮށްފައި ވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް