ނުރައްކާތެރި ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު ނުވަތަ ބަޔަކު ރާއްޖެ އަތުވެއްޖެ ހާލަތެއްގައި އެއްފަހަރާ 20 މީހުންނަށް ވަގުތުން ސިއްހީ ފަރުވާ ދެވޭނެ އިންތިޒާމް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަމަޖައްސާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.
ސަރުކާރުން އެކުލަވާލާފައިވާ ޓާސްކްފޯސްގެ މިއަދު ބައްދަލުވުމަށް ފަހު އެމްއޭސީއެލްގެ ޖެނެރަލް މެނޭޖާ، ޓާމިނަލް އޮޕަރޭޝަންސް އިބްރާހީމް ހުސައިން ވިދާޅުވީ އެއާޕޯޓްގައިވާ އައިސޮލޭޝަން ފެސިލިޓީގައި 20 މީހުންގެ ޖާގަ އޮންނާނެ ކަމަށެވެ. އަދި މީހުން އެހެން ތަންތަނަށް ގެންދަން ރަނގަޅު އިންތިޒާމްތަކެއް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން އިތުރު ފަރުވާއަށް ވެލާނާ އެއާޕޯޓުން އެހެން ތަނަކަށް ގެންދަން ޖެހިދާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އެމްބިއުލާންސްތަކެއްވެސް ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ޑްރައިވަރުންވެސް ފޯރުކޮށްދީފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ބަލިން ރައްކާތެރިވުމަށް ވެލާނާ އެއާޕޯޓުގައި އަޅާފައިވަނީ ފަރަށް ފުރިހަމަ ފިޔަވަޅުތަކެއް ކަމަށެވެ. މީހުން ސްކްރީން ކުރުމާއި އެކަހެރިކުރުމުގެ އިންތިޒާމްތައްް ވެލާނާ އެއާޕޯޓްގައި ހުރީ ރަނގަޅަށް ކަަމަށް އޭނާ ވިދާޅުވި އެވެ.
ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު މިހާތަނަށް ރާއްޖެއިން ނުފެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް