ކޮރޯނާ ވައިރަސްގެ ނުރައްކާ ބޮޑުވެއްޖެ ނަމަ މުޅި ގައުމަށް ހިދުމަތް ދެވޭވަރަށް ތައްޔާރު: އަލީ ވަހީދު

ކޮރޯނާ ވައިރަސް ރާއްޖެ އައިސް ބަލީގެ ނުރައްކާތެރިކަން ބޮޑުވެއްޖެ ނަމަ މުޅި ގައުމަށް ހިދުމަތް ދެވޭވަރަށް ސަރުކާރު އޮތީ ތައްޔާރަށް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. ކޮރޯނާ ވައިރަ...

29 Jan 2020 | 06:33

ކޮރޯނާ ވައިރަސް ރާއްޖެ އައިސް ބަލީގެ ނުރައްކާތެރިކަން ބޮޑުވެއްޖެ ނަމަ މުޅި ގައުމަށް ހިދުމަތް ދެވޭވަރަށް ސަރުކާރު އޮތީ ތައްޔާރަށް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ކޮރޯނާ ވައިރަސްގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި ރޭ ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ފަރުވާ ދިނުމަށް ބޭނުންވާނެ އާލާތްތަކާއި ބޭހާއި ކާޑުގެ ބާވަތްތައްވެސް ހުރިހާ ރައްޔިތުންނަށް އެއްވެސް ދަތިކަމަކާއި ނުލައި ފޯރުކޮށްދެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ ހުރިހާ ތައްޔާރީތަކެއް ސަރުކާރާއި ކަމާ ގުޅުން ހުރި ފަރާތްތަކުން ކުރަމުން ދަނީ ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބެއްލެވުމުގެ ދަށުން ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ ކޮރޯނާ ވައިރަސްއާ ބެހޭ ގޮތުން އެއްވެސް ކަމެއް ސަރުކާރުން ސިއްރެއް ނުކުރާނެ ކަމަށެވެ. އަދި ސަރުކާރުން އިސް ކުރާނީ ރައްޔިތުން ކަމަށާއި އެ ވައިރަސްއާ ދެކޮޅަށް ވާން ޖެހޭ ތައްޔާރީތައް ވެފައިވާ ކަމަށް އަލީ ވަހީދު ވެސް ވިދާޅުވި އެވެ.

"މި ވައިރަސް ރާއްޖެއިން ފެނިއްޖެ ނަމަ ނުވަތަ އެފަދަ އަލާމާތެއް ނުވަތަ ވޯސްޓް ކޭސް ސިނާއިރޯއަކަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ސީދާ ރައިސުލްޖުމްހޫރިއްޔާގެ ބެލުމުގެ ދަށުން ސަރުކާރުން ވަނީ ތައްޔާރުވެފައި،" އަލީ ވަހީދު ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ހެލްތް މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖެއިން މިހާތަނަށް އެއްވެސް މީހަކަށް ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވިފައި ނުވާ ކަމަށާއި ނަމަވެސް އެ ވައިރަސް ފެނިއްޖެ ނަމަ އަމަލު ކުރާނެ ގޮތުގެ ޕްލޭންއެއް އެކުލަވާލައި ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށެވެ. ސިއްހީ ހިދުމަތް ދޭ ފަރާތްތަކާއި އެއާޕޯޓުތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ފިޔަވަޅު އަޅައި ސިއްހީ ހިދުމަތްތޭ ފަރާތްތަކަށް ކަމުގެ މައުލޫމާތުތައް ދެމުންދާ ކަމަށެވެ.

"މީހަކަށް ޝައްކު ކުރެވިގެން ނުވަތަ މީހަކަށް ތުހުމަތު ކުރެވިގެން ނުވަތަ މީހަކު ޕޮޒިޓިވްވާ ހާލަތެއްގައި އޭނައަށް ފަރުވާ ދިނުމަށްޓަކައި ވާން ޖެހޭ ތައްޔާރީތަކުގެ އިތުރަށް ދަތުރުފަތުރާއި ޓްރާންސްޕޮޓޭޝަން އާއި އެމްބިއުލެންސް ހިދުމަތައް ވެސް ވަކި އިންތިޒާމްތަކެއް ހަމަޖެހިފައި މިހާރު ހުރީ. އެހެންވީމަ އަޅުގަނޑުމެންނަށް ކަށަވަރުކަމާއެކީގައި ދަންނަވަން ކެރޭ މިވަގުތު އަޅުގަނޑުމެންނަށް މިކަހަލަ ކޭސްއެއް ފެނިއްޖެ ހިނދެއްގައި ނުވަތަ ފެންނާނެ ހިނދެއްގައި ކޭސްތަކަށް ފަރުވާ ދިނުމަށް ވާން ޖެހޭ ތައްޔާރީތައް ވަނީ ވެފައި،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއިން މި ބައްޔަށް ފަރުވާދިނުމަށް ތައްޔާރުވުމުގެ ގޮތުން ބަލަނީ އެހެން ގައުމުތަކުގައި ހާއްސަކޮށް ބަލި ފެނިފައިވާ ގައުމުތަކުައި ސިއްހީ ހިދުމަތްދޭން ތައްޔާރުވެފައިވާ މިންގަނޑަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް