އެއާޕޯޓުތަކުގައި ޓާމަލް ކެމެރާ އިތުރު ނުކުރެވިގެން އުޅެނީ ދުޔިޔޭގައި އޮތް ޑިމާންޑު ބޮޑުކަމުން

ނުރައްކާތެރި ކޮރޯނާ ވައިރަސްއަށް ސްކްރީން ކުރުމަށް އިންޓަނޭޝަނަލް އެއާޕޯޓުތަކުގައި ބަަހައްޓާފައިވާ ތާމަލް ކެމެރާގެ އަދަދު އިތުރު ނުކުރެވިގެން އުޅެނީ ދުނިޔޭގައި ތާމަލް ކެމެރާއަށް މި ދުވަސްވަރު އޮތް ޑިމ...

29 Jan 2020 | 05:28

ނުރައްކާތެރި ކޮރޯނާ ވައިރަސްއަށް ސްކްރީން ކުރުމަށް އިންޓަނޭޝަނަލް އެއާޕޯޓުތަކުގައި ބަަހައްޓާފައިވާ ތާމަލް ކެމެރާގެ އަދަދު އިތުރު ނުކުރެވިގެން އުޅެނީ ދުނިޔޭގައި ތާމަލް ކެމެރާއަށް މި ދުވަސްވަރު އޮތް ޑިމާންޑު ބޮޑު ކަމުން ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ރޭ ޓޫރިޒަމް މިނިސްޓްރީ އާއި ހެލްތް މިނިސްޓްރީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަމީން ވިދާޅުވީ ކުރިޔަށް އޮތް24 ގަޑިއިރު ތެރޭ އިތުރު ހަތަރު ވަރަކަށް ކެމެރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ބަހައްޓައި ބޭނުން ކުރަން ފަށާނެ ކަމަށެވެ. މިހެން މީގެ ހަތަރު ދުވަސް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރޭގެ ބައްދަލުވުމުގައި ތާމަލް ކެމެރާ އިތުރުު ނުކުރެވިގެން އުޅެނީ ކީއްވެތޯ ސުވާލު ކުރުމުން މިނިސްޓަރު އަމީން ވިދާޅުވީ ކެމެރާތަކަށް އޯޑާރު އޭރުވެސް ހުރީ ދީފައި ކަމަށެވެ. އެކަމަކު މި ދުވަސް ކޮޅަކީ ތާމަލް ކެމެރާގެ ޑިމާންޑު ބޮޑުވެ ދުނިޔޭގެ ހުރިހާ ގައުމަކަށްވެސް ކެމެރާ ބޭނުންވާ ދުވަސްކޮޅަކަށް ވުމުން ކެމެރާތައް ރާއްޖެއާއި ހަމައަށް ފޯރުން ލަސްވަނީ ކަމަށެވެ.

ވެލާނާ އެއާޕޯޓާއި ގަން އެއާޕޯޓުގައި ބަހައްޓާފައި ހުންނަ ތާމަލް ކެމެރާއިން ރާއްޖެ އެތެރެވާ މީހުން ސްކްރީންކޮށް ހުން އައިސް ހުންނަ މީހުން ދެނެގަންނާނެ އެވެ. އަދި ވޭތުވެ ދިޔަ ދެތިން ހަފްތާގައި ހުން އައިސް ހުރި ނަމަ އެކަންވެސް އެ ކެމެރާއިން ދެނެގަނެވޭނެ އެވެ.

ހެލްތް މިނިސްޓްރީން ބުނީ ތާމަލް ކެމެރާ ބަހައްޓައިގެން ރާއްޖެ އެތެރެވާ މީހުން ސްކްރީން ކުރަން ފެށިފަހުން މިހާތަނަށް ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ މީހަކު ރާއްޖެ އެތެރެވެފައި ނުވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް